ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި 10 ބުރީގެ ހަތަރު ޓަވަރު އެޅުމަށް ބޭނުންވާ ބިން ސަރުކާރުން ހަމަޖައްސަވައި ދެއްވައި އެ ބިން ހާވާލުކުރި ކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ކޯޓުތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އަޅާ ދިހަ ބުރީގެ ހަތަރު ޓަވަރު އެޅުމަށްޓަކައި 37494 އަކަ ފޫޓުގެ ބިން ހަމަޖެއްސި ކަމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ވިދާޅުވީ، 2020 ވަނަ އަހަރުގެ ބެޖެޓުގައި ހިމަނައިގެން ހުޅުމާލޭގައި އަޅަން މި ނިންމި މިކޯޓު ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހީގައި އަޅަނީ 10 ބުރީގެ އެއް ޓަވަރުކަމަށެވެ. މި ކޯޓު ކޮމްޕްލެކްސް ޚާއްޞަ ކުރެވިގެންދާނީ ސިވިލް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓުގެ މަސައްކަތްތަށްކަމަށްވެސް ޑިޕާޓްމަންޓްއިން ވިދާޅުވިއެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއިއެކު ޙިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ފަދައިން މި އިމާރާތުގެ ހިދުމަތްތައް ޤާއިމު ކުރެވިގެންދާއިރު މި އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.
އަދި ބާކީހުރި އެހެން ކޯޓުތަކަށް މިބިމުގައި ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރެވިގެން ދާނީ ދެވަނަ ފޭސްގައިކަމަށްވެސް ޑިޕާޓްމަންޓުންވަނީ ވިދާޅުވެފައެވެ.
ޝަރުޢީދާއިރާއަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓުން އައްޑޫ ސިޓީގައިވެސް ކޯޓު ކޮމްޕްލެކްސް އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޑިޕާޓްމަންޓްއިން ވިދާޅުވީ، ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ ފަދައިން ރާއްޖޭގެ އުތުރާއި ދެކުނުގައި ޑިސްޓްރިކްޓް ކޯޓުތައް ޤާއިމު ކުރެވިގެން ދާނެކަމަށާއި، އެގޮތުން މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކުން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މި ދެންނެވި ޑިސްޓްރިކްޓް ކޯޓުތަކުންވެސް ފޯރުކޮށްދެމުން ދާނެކަމަށެވެ.
މިއަދުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ "ސަރުކާރުގެވެސް ވަރަށްބޮޑު އަމާޒެއް އެއީ އާންމުންނަށް ފަސޭހަކަމާ އެކީގައި އަދުލު އިންސާފަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ހުރިހައި ކަންތައްތަކެއް ކޮށްދިނުން. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިމާރާތުގައި ހިނގަމުން އަންނަ ކޯޓުތަކަށް ސްޓޭންޑް އެލޯން ކޯޓުތަކަކަށް ބަދަލުވެގެން ދިޔުން. އަދި އަޅުގަނޑުމެންގެ ދެވަނަ އަމާޒަކީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި 95 އިން ސައްތަ މައްސަލަ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުން."
ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާތްﷲ އިރާދަފުޅާއިއެކު އެޅިގެންދާ މި ކޯޓު ކޮމްޕްލެކްސްގެ ސަބަބުން ހައްލުވެގެން ދާނީ ކޯޓުތަކުގެ ޖާގައިގެ މައްސަލަ އެކަންޏެއް ނޫނެވެ. ކޯޓުތަކުން ނިންމާ މައްސަލަތައް އަވަސްވެ ނިންމާ މައްސަލަތަކުގެ ޢަދަދުވެސް އިތުރުވެގެންދާނެއެވެ. ސަބަބެއްކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ނަޒީރު ވިދާޅުވީ މި ކޮމްޕްލެކްގައި ގިނަ ކޯޓު ރޫމްތަކެއް ހެދިގެން ދާނެކަމެވެ. އަދި އެއްފަހަރާ ގިނަ މައްސަލަތަކެއް ބެލުމަށް ފުރުސަތު ފަހިވެގެން ދިޔުމުގެ ސަބަބުން މައްސަލަތައް ނިމޭ ރޭޓް އަވަސްވެގެން ދާނެކަމެވެ.
މި ކޯޓު ކޮމްޕްލެކްސް އެޅުމަށް ބިން ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އަށާއި އަދި އެޗް.ޑީ.ސީއަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޝުކުރު އަދާކުރެއްވިއެވެ.
ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ މި ކޯޓް ކޮމްޕްލެކްސްގެ ބިންގާ އެޅުން 2020 ފެބުރުވަރީ 20 ވަނަ ދުވަހު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



