ހދ. ނެއްލައިދޫ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ޔަޤީން ކޮށްދެވިފައި ނުވާއިރު، ލިބެމުންދާ އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކަށް ދެކޮޅު ހެދުމުގެ ގޮތުން ނެއްލައިދޫ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
މިއަދު ހެނދުނު 10:00 ހާއިރު ނެއްލައިދޫ ރައްޔިތުން މުޒާހަރާކުރަން ފަށާފައިވަނީ، ފެނަކަ ކޯޕަރޭޝަން ނެއްލައިދޫ ބުރާންޗު ކުރިމަތީގައެވެ. މި މުޒާހަރާގައި ނެއްލައިދޫގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާއިރު ގިނަ ކަންބޮޑުވުންތަކެއް ހުރިކަން އެފަރާތްތަކުގެ ޝުއޫރުތަކުން ހާމަވެއެވެ.
ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އިލްހާމް "ފެށުމަށް" ވިދާޅުވީ، ރައްޔިތުން މުޒާހަރާއަށް ނިކުތީ ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާއިރު، ކުރިން އެނގުމަކާ ނުލައި ކަރަންޓް ކަނޑާތީވެ ގިނަ އަދަދެއްގެ އަގުބޮޑު ކަރަންޓު ސާމާނު ހަލާކުވަމުންދާތީ ކަމަށެވެ.

ނެއްލައިދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
މުޒާހަރާގެ ބައެއް ބައިވެރިން ބޯޑުތައް ހިފައިގެން ފެނަކަ ނެއްލައިދޫ ބްރާންޗު ކުރިމަތީގައި ތިބިއިރު، ބައެއް ބޯޑުތަކުގައި ލިޔެފައިވާ ލިޔުންތަކަށް ބަލާލާއިރު، "ކަރަންޓު ނުލިބޭތީ ޞިއްޙީ ޚިދުމަތުން މަޙްރޫމްވެފައި"، "ނެއްލައިދޫގެ ރައްޔިތުންނަށް ހައްޤު މިންވަރަކީ މިއީތޯ؟"، "އިސްތިރިވެސް ނުކުރެވޭ" އަދި "ކަރަންޓް ނުލިބޭތީ މުވާސަލާތީ ގުޅުމަށް ބުރޫއަރާފައި." ފަދަ އިބާރާތްތައް ފާހަގަކޮށްލެވެއެވެ.

މުޒާހަރާގެ ބައިވެރިން ފެނަކަ ނެއްލައިދޫ ބްރާންޗުގެ އޮފީހަށް ވަދެ ޝުއޫރު ފާޅުކޮށްފައިވާއިރު، ފެނަކަ އެމްޑީގެ އިސްތިއުފާއަށްވެސް ގޮވާލާފައިވެއެވެ.

ނެއްލައިދޫގެ ކަރަންޓުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތާ ދުވަސްތަކެއް ވެފައިވާއިރު، މުޒާހަރާކުރުން ފަސްކޮށްފައި އޮތީ މަޖިލިސް އިންތިޚާބުގެ ވޯޓުލުމަށް ބުރޫ އަރާފާނެތީކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

އަންހެން ފިރިހެން ގިނަ އަދަދެއްގެ ނެއްލައިދޫ ރައްޔިތުން ބައިވެރިވާ މުޒާހަރާގެ ބައިވެރިންނަށް މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން ފެނަކައިން އެދެވޭ ޖަވާބެއް މިހާތަނަށް ދީފައި ނުވާއިރު، އެދެވޭ ޖަވާބެއް ދޭންދެން މުޒާހަރާ ކުރިއަށް ގެންދާނެކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.