ފެނަކައިގެ ބަޔާން ނެއްލައިދޫ ކައުންސިލުން ދޮގު ކުރޭ، މުޒާހަރާ ވަރުގަދަކޮށްފި

ހދ. ނެއްލައިދޫ ރައްޔިތުން ކަރަންޓުގެ އެކަށީގެންވާ ޚިދުމަތުން މަޙްރޫމްވެފައިވާތާ އެތައް ދުވަހެއް ފަހުން ފެށި މުޒާހަރާ އާއި ގުޅިގެން، ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާން ނެއްލައިދޫ ކައުންސިލްގެ ރައީސް ދޮގުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ނެއްލައިދޫގައި ކުރިއަށްދާ މުޒާހަރާގައި ބައިވެރިވަނީ "މަދު ބަޔަކު" ކަމަށެވެ. ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނާޒިމް "ފެށުމަށް" ވިދާޅުވީ، މުޒާހަރާގައި ބައިވެރިވަނީ މަދު ބަޔަކު ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މުޒާހަރާގައި ރަށުގެ ނިސްބަތުން ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ ބަޔަކު ބައިވެރިވާ ކަމަށާއި، އެއީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހުން ނޫންކަމަށްވެސް ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފެނަކައިގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މަދު ބަޔަކު އިންޖީނުގޭ ކޮންޓްރޯލް ރޫމްގެ ދޮރުބ ހަލާކުކޮށްލައިގެން ވަދެ، ޖަނަރޭޓަރުތައް ނިއްވާލާ، މުވައްޒަފުންނަށް ބިރު ދައްކާ މުވައްޒަފުން ބްރާންޗުން ނުނިކުމެވޭގޮތަށް ބަންދު ކޮށްފައިވާ ކަމަށެވެ.

މިވާހަކަތަކާ ގުޅިގެން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ކައުންސިލުން އެތަނަށް ދިޔަ ފަހުން މުޒާހަރާގެ ބައިވެރިން އިންޖީނުގޭ ތެރެއަށް ވަދެފައި ނުވާ ކަމަށާއި، ނަމަވެސް އޭރު ކަރަންޓު ނެތް ކަމަށެވެ. ދޮރަށް ގެއްލުންދިންކަމަށް ބުނާ މައްސަލައިގައި އެއްޗެއް ވިދާޅުވާން އެނގި ނުލައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދޮރުތައް ބަންދުކޮށް މުވައްޒަފުން ބައްދުކޮށްފައިވާ ކަމަށް ފެނަކައިގެ ބަޔާނުގައި ބުނާ ބުނުންވެސް އޭނާ ދޮގު ކުރެއްވިއެވެ.

"ތިން ހަތަރު ދޮރު އެބަހުރި ހުޅުވާފައި. ބަންދު ނުކުރެވޭ ތަންގަނޑެއްވެސް އެބަހުރި އިންޖީނުގޭގަ. ހަމަ އެއާއެކު މުވައްޒަފުން ތިބީކީވެސް އިންޖީނުގޭ އެތެރެއަކު ނޫން، މުވައްޒަފުން ބަނދު ކުރިކަމަށް ބުނާ ބުނުމަކީ ހަޤީގަތެއް ނޫން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ނެއްލައިދޫއިން ކަރަންޓު ކެނޑެމުންދަނީ ފެނަކައިން ކަރަންޓު ފޯރުކޯށްދޭ އެހެން ގިނަ ރައްތަކެކޭވެސް އެއްގޮތަށް ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ފެނަކައިގެ އެ ވާހަކައަކީ ބުއްދި ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށެވެ.

"ބައެއް ގެތަކުން ފަންކާ އެނބުރެނީ އަތުން އެނބުރީމަ، ފެން މޯޓަރުން ފެން ނަގައިދެނީ ބައެއް ގަޑިތަކުގައި. އޭސީ ނުޖެހޭ. މިއީ ރާއްޖޭގެ ގިނަ ރަށްތަކުގެ ހާލަތު ކަމަށް ގަބޫލެއް ނުކުރެވޭ. އެހެންނަމަ މީޑިއާއިން އެނގޭނެ. އަތޮޅުގެ ރަށްތަކުގެ ހާލަތަކީވެސް މިއެއް ނޫން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފެނަކައިން ވަނީ ފުލުހުން މެދުވެރިކޮށް ރަށަށް މިއަދު ހަވީރު ކަރަންޓް ދީފައެވެ. ނަމަވެސް އެކަމާ އެރަށު ރައްޔިތުން ވަނީ އިތުރަށް ނުުރުހުން ފާޅުކޮށްފައެވެ. ރައްޔިތުން ކުރަމުންދިޔަ މުޒާހަރާ ވަނީ އެއާއެކު އިތުރަށް ވަރުގަދަވެސް ކޮށްފައެވެ. އެގޮތުން އިންޖީނުގެއާ ކައިރި ސަރަހައްދުގައި ކައްކާ މުޒާހަރާގެ ބައިވެރިންނަށް ކެއުން ބުއިމުގެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ.

"ޚިދުމަތް އިއާދަ ކުރުމާއި، ޚިދުމަތް މެދުކެނޑި ނުދިޔުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރުވެސް މިކުންފުނިން މިދަނީ ކުރަމުން." ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ނެއްލައިދޫ ރައްޔިތުން ބޭނުންވަނީ ހަމައެކަނި 160 ކިލޯވޮޓްގެ ޖަނަރޭޓަރ އޯވަރހޯލް ކުރަން ނޫން ކަމަށާއި، ރައްޔިތުން ބޭނުންވަނީ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ކަމަށެވެ. ކަރަންޓު ދިނުމަށް ބޭނުންކުރާ ވިއުގަ އަޕްގްރޭޑް ކޮށްގެން ނޫނީ މި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ޑިމާންޑަކީ ހައްލު ހޯއްދަވައިދެއްވާނެ ތާރީޚެއް ލިޔުމުން ދިނުން ކަމަށް އޭނާ ވިދާޅިއެވެ.

"ރައްޔިތުން ތިބީ ރޫހުގައި، ރައްޔިތުން ބޭނުންވަނީ އެކަށީގެންވާ ޖަވާބެއް، ހައްލު ހޯއްދަވައިދެއްވާނެ ގޮތަކާއި، ތާޜީޚް ލިޔުމުން ރައްޔިތުން ބޭނުންވޭ. ރައްޔިތުން ތިބީ މުޒާހަރާ ހުއްޓާލާ ގޮތަކަށް ނޫން." ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނާޒިމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ