ސީރިޔާގައި ދިވެހި އަންހެނުން ދަނީ ހަށިވިއްކަމުން - ރައީސް ނަޝީދު

ސިރިޔާއަށް ދާ ދިވެހި ހަނގުރާމަވެރީންގެ އަނބީން އެ މީހުންގެ ފިރީން މަރުވުން ހަށިވިއްކަމުންދާ ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ސީރިޔާއަށް ދަތުރުކޮށްފައިވާ 70 ވަރަކަށް ދިވެހީން މަރުވެފައިވާ ކަމަށާއި، އެއާ އެކު ދިވެހި 400 އެއްހާ އަންހެނުން އެތާގައި ހަށިވިއްކަމުން ގެންދާ ކަމަށެވެ.

"ސީރިޔާއަށް ގޮއްސި ދީނުގެ ނަމުގައި އެތައްސަތޭކަ ދިވެހިން. ގޮސް އެތާނގައި މަރުވެއްޖެ 60، 70 އެއްހާ ދިވެހިން. ދިވެހިންގެ 400 އެއްހާ އަންހެނުން އެތާގައި ހަށިވިއްކަމުން އެދަނީ. ދެން މި ބޭފުޅުން މި ބުނަނީ އެއީ އެއް ކައިވެންޏޭ، މިވެނި ކައިވެންޏޭ، އެވެނި ކައިވެންޏޭ، ހަމަ އެކަކު މަރުވާ ތަނުން އެ އަންހެން މީހާ އެދަނީ އެކަކު އަތްމަތިން އަނެކަކު އަތް މަތިިން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސީރިޔާއަށް ދިޔަ ބައެއް ދިވެހިންގެ އާއިލާގެ ފަރާތަތްތަކުން އެމަނިކުފާނަށް އެކަން "ކެނޑިނޭޅި" އަންގަމުން ގެންދަވާ ކަމަށާއި، އެއީ އެ އާއިލާގެ ފަރާތްތަކުން ވެސް ހިތާމަ ކުރާ ކަމެެއް ކަމަށެވެ.

"އެމީހުން މާމަ ދަރިން، ކާފަ ދަރިން ވެއްޖެ ސީރިޔާގައި. އެމީހުންގެ އަންހެން ދަރީން ވެއްޖެ ސީރިޔާގައި. އެ އަންހެން ދަރީން އެދަނީ އެއް ފިރިހެނެއްގެ އަތުން، އަނެއް ފިރިހެނެއްގެ އަތުން، އަނެއް ފިރިހެނެއްގެ އަތުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދިވެހިން ސީރިޔާއަށް ފޮނުވުމުގެ މަސައްކަތް ކުރި ބަޔަކު އެކަން ކުރީ، އިސްލާމް ދީނުގެ ނަމުގައި ކަމަށާއި، އެކަންކަމާ ދެކޮޅު ހެދުމުން ދެކޮޅު ހެދި މީހުންނަނީ ދީނާ ޚިލާފު ބައެއްގެ ގޮތުގައި ސިފަކުރި ކަމަށެވެ.

"ދިވެހި ރާއްޖެ އިން އެމީހުން ސީރިޔާއަށް ފޮނުވީ، އިސްލާމް ދީނުގެ ނަމުގައި. އަޅުގަނޑުމެން އެކަމާ އިންކާރު ކުރީމާ އެބޭފުޅުން [އިދިކޮޅު ފަރާތްތަކުން] އެ ވިދާޅުވަނީ އަޅުގަނޑުމެންނަކީ ދީނާ ހިލާފު ބައެއް ކަމަށް. އަޅުގަނޑުމެންނަކީ ދީނާ ހިލާފު ބައެއް ނޫން. އެއީ ވަރަށް ބޮޑު ދޮގު ވާހަކަ އެއް،" ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް