ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯން ހުރީ ރާއްޖޭގައި ކަމަށް މީޑިއާގައި ޙަބަރު ފެތުރިއްޖެއެވެ. އަދި މައުލޫމާތު ލިބޭގޮތުގައި ދިޕިކާ ރާއްޖެ އައިސްފައިވަނީ، އިންޑިއާގެ ނޫހެއްކަމުގައިިވާ "އެލް އިންޑިއާ" ގެ ކަވާ ޝޫޓަކަށެވެ.
ދިޕިކާ ރާއްޖޭގައި މަޑު ކުރުމަށް ހަމަޖެހިފައި ވަނީ، ރ. އަތޮޅު ހުރަވަޅި (ދަ ސްޓޭންޑާޑް މޯލްޑިވްސް)ގައިކަމަށްވެސް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ދިޕިކާ ރާއްޖެ އަތުވެފައިވާކަމުގެ އެއްވެސް ފޮޓޯއެއްވެސް އަދި އޭނަގެ ސޯޝަލްމީޑިއާގެ އެކައުންޓެއްގައި ހިއްސާކޮށްފައެއް ނުވެއެވެ.
ބޮލީވުޑްގެ ތަރި ރަންވީރު ސިންހް އާއި ކައިވެނިކުރުމަށްފަހު މީގެ ކުރިންވެސް ދިޕިކާ ވަނީ ރާއްޖެ އަތުވެފައެވެ. 2018 ވަނަ އަހަރު ކައިވެނި ކުރި މި ދެތަރިން ވަނީ އެކި ފަހަރު މަތިން ރާއްޖެ އަތުވެފައެވެ. އެގޮތުން މި ދެމަފިރިންގެ ހަނީމޫންގެ ފުރަތަމަ މަންޒިލަކަށްވެސް ވެފައިވަނީ ރާއްޖެއެވެ.
ރާއްޖެއަކީ، ބޮލީވުޑް އަދި ހޮލީވުޑްގެ ތަރިންގެ މެދުގައި އަބަދުވެސް ވަރަށް މަޝްހޫރު މަންޒިލެއްކަން ފާހަގަކޮށްލެވެއެވެ.
ދިޕިކާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ މިއަހަރު ނެރުނު "ޗަޕާކް'އެވެ. ކްރިޓިކްސް އިން މިފިލްމަށް ޕޮސިޓިވް ކޮމެންޓްސް ދިން ނަމަވެސް ބޮކްސް އޮފީހުގައި މި ފިލްމަށް އެހާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ.




