ސްރީލަންކާ ސިފައިން މަގުމަތީގައި ހަރަކާތްތެރިވަނީ

ލަންކާގައި ދިން އީސްޓާ ހަމަލާތަކާއި ގުޅިގެން ހަތަރު ދިވެހިން ހައްޔަރުކޮށްފި

އަވައްޓެރި ސްރީލަންކާގައި ދިން އީސްޓާ ހަމަލާތަކާއި ގުޅިގެން ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ.

މިދިޔަ އޭޕްރީލްމަހު "އީސްޓާ ސަންޑޭ" އާއި ދިމާކޮށް ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ހަތަރު ދިވެހިން ޙައްޔަރުކޮށްފައިވާކަމަށް، ލަންކާގެ ނޫސްތަކުގައި ބުނެފައިވާއިރު، އެމީހުންގެ ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގެ ނޫސްތަކުން ބުނެފައިވަނީ މި ހަމަލާއާއި ގުޅިގެން މިހާތަނަށް 153 މީހުން ހައްޔަރު ކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނޭކަމަށެވެ.

ލަންކާއިން ހަތަރު ދިވެހިން ހައްޔަރުކުރި ކަމަށް އެގައުމުގެ ނޫސްތަކުން ބުނި ނަމަވެސް މިހާތަނަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިކަމުގެ ބަހެއް ނުލިބެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ދިން ބިރުވެރި މިހަމަލާގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ކުރިސްޓިއަނުންގެ ތިން ފައްޅިޔަކަށާ، ހަތަރު ހޮޓަލަކާއި، އަދި އާންމުން އެއްވެ އުޅޭ ބައެއް ސަރަހައްދު ތަކަށްދިން މިހަމަލާތަކުގައި 450 މީހުން ޒަހަމްވެ، ގިނަ ބަޔަކު މަރުވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ތިން ފުލުހުންނާއި އަދި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.

މުޅި އޭސިއާ ސިއްސުވާލި މިހަމަލާއަކީ ސްރީ ލަންކާ ސިފައިންނާއި ތަމަޅަ ޓައިގަރުންނާ ދެމެދު ކުރެވުނު ހަނގުރާމަތަކަށް ފަހު މިފަހުގެ ތާރީޚެއްގައި އެގައުމުގައި ދެވުނު އެންމެ ވަރުގަދަ ހަމަލާތަކެވެ. މިހަމަލާގެ ޒިންމާނަގާފައިވަނީ އިސްލާމިކް ސްޓޭޓްސް (އައިއެސް) އިންނެވެ. އަދި ހަމަލާތަކުގައި ބައިވެރިވި ކަމަށް ބުނާ މީހުން ބައިއަތުހިފާ ވީޑިއޯއެއްވެސް އޭރުވަނީ އާންމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ