ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް - ފޮޓޯ: މަޖލިސް

ނޫމަޑި މައްސަލާގައި މެންބަރު ޝިޔާމްގެ ބަސް: ކޮމެޓީ ގޮވައިގެން ދަޢުވާ ކުރާނެ ދުވަސް އަދި އަންނާނެ

ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ބަދަލުގެ ގޮތުގައި ނޫމަޑިއަށް ދިނުމަށް ނިންމުމާއި ގުޅިގެން، ސެޓްލްމަންޓް ކޮމެޓީ ގޮވައިގެން ދަޢުވާ ކުރާނެ ދުވަސް އަދި އަންނާނެކަމުގައި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސެޓްލްމަންޓް ކޮމެޓީއަކީ ނޫމަޑި މައްސަލައާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލައްވާފައިވާ ކޮމެޓީއެކެވެ. މި ކޮމެޓީން ވަނީ ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން 55 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. އަދި މި ފައިސާ 2019 އޮގަސްޓް މަހުގެ ތެރޭގައި ސަރުކާރުން ވަނީ ނޫމަޑިއަށް ދީފައެވެ.

މިކަމާއި ގުޅިގެން އަޙްމަދު ޝިޔާމް ވިދާޅުވީ ނޫމަޑިން ދަޢުލަތަށް ދޭންޖެހޭ 92 މިލިއަން ވެސް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ހެޔޮފުޅު ކަމުން ކޯޓުން ބޭރުން ނޫމަޑިއަށް ދެއްވައިފިކަމަށެވެ. "އިރާދަ ކުރެއްވިއްޔާ ތިޔަ ސްޓެލްމަންޓް ކޮމެޓީ ގޮވައިގެން ދިވެހި ރައްޔިތުން ދަޢުވާ ކުރާނެ ދުވަހެއްވެސް އަދި އަންނާނެ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މާލިއްޔަތު ހުސްކުރަނީ ރޯމާ ދުވާލު ކަމަށެވެ.

ނޫމަޑިއަށް ސަރުކާރުން ބަދަލު ދިނުމާއި ގުޅިގެން ގިނަބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރ އިބްރާހިިމް އާމިރު ވަނީ މި ނިންމުމާއި ދިފާޢުކޮށް ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ މައްސަލަ ކޯޓުން ބޭރުގައި ނިންމީ ދަޢުލަތް ބަނގުރޫޓުވުމުން ސަލާމަތްކުރުމަށްކަމަށެވެ.

ސަރުކާރުން ނޫމަޑިއަށް ބަދަލު ދީފައި ވަނީ އެފަރާތާއި އެކު ހަދާފައިވާ އެގްރީމެންޓް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އުވާލި މައްސަލާގައި ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހީދުމަށް އާބިޓްރޭޝަނަށް ހުށަހެޅުމުންނެވެ.

ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި 2 މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖެނުއަރީ 2011 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން “ފޭސް 1 އެއްބަސްވުން” އާއި 500 ހައުސިންގެ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް 1 އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ދެމެދު 30 މެއި 2013 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން “ފޭސް 2 އެއްބަސްވުން” އާއި ގުޅިގެން ހުށަހެޅުނު މައްސަލަތަކެކެވެ.

ނަމަވެސް ސަރުކާރުން މި މައްސަލަ ކޯޓުން ބޭރުގައި ނިންމައި ނޫމަޑިއަށް ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫންކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ. އުސާމް ވިދާޅުވެފައި ވަނީ ނޫމަޑިން ސަރުކާރަށް އަނބުރާ ދޭންޖެހޭނެކަމަށް ބުނެފައިވާ 92 މިލިއަން ރުފިޔާވެސް ދޭން ނުޖެހޭނެކަމަށް ސްޓެލްމަންޓް އެގްރީމެންޓްގައި ހިމަނާފައިވާކަމަށެވެ.

ސަރުކާރުން ގެންދަނީ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ބޮޑެތި އަދަދުން ފައިސާ ދެމުންނެވެ. އަދި މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ