ކޮރޯނާވައިރަސް (ކޯވިޑް-19) އާ ގުޅިގެން މިދުވަސްވަރުކުރާ ބައިނަލްއަޤްވާމީ ދަތުރުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ޖުމްލަ 7 ޤައުމު ޓެރިޓަރީ ތަކަށް ދަތުރު ކުރެއްވުމުގައި މުހިންމު ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައިވާއިރު، އެޤައުމުތަކަކީ؛
- ޖަޕާން
- ސިންގަޕޫރު
- ހޮންގް ކޮންގް
- ސައުތު ކޮރެއާ
- ތައިލެންޑް
- އީރާން
- އިޓަލީ
އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވީ، މިދުވަސްވަހަލުވި ކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޯވިޑް-19) ގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި، މިގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް މިބަލި ފެނި، އެ ޤައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް ފާހަގަކުރެވޭކަމަށެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކުގެ ތެރޭގައި އެޗްޕީއޭއިން ވިދާޅުވީ،
- ދަތުރު ކުރައްވާ ޤައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދުތައް ދެނެގަތުން
- އެ ޤައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އެޅުމަށް އަންގަވާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެކަންކަނަމަށް އަމަލު ކުރުން
- ރޯގާޖެހި ހުންއައިސްފައި ތިބޭ މީހުންނާ ކައިރީގައި ނޫޅުން
- ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން،ސައިބޯނި ނެތްނަމަ ހޭންޑް ސެނިޓައިޒަރ ބޭނުން ކުރުން
- ދަތުރު ކުރުމަށްފަހު އެނބުރި އައިސް، ރޯގާ ޖެހި، ކެއްސާ، ހުންއައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ގޭގައި މަޑުކުރުން
އަދި އިތުރަށް ގޯސްވާނަމަ، ނުވަތަ ރަނގަޅު ނުވެ ގިނަ ދުވަސް ވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.
މީގެ އިތުރުން މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް މިބަޔާނުގައި އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.



