ފަހުގެ ތާރީޙެއްގައި ނެޓްފިލްކްސް އިން ގެނެސްދިން އެންމެ މޮޅު ހޮރޯ ސީރީޒް "ދަ ހޯންޓިން އޮފް ހިލް ހައުސް" ގެ ކާމިޔާބީއަށްފަހު، އެ ސީރީޒްގެ ދެވަނަ ސީކުއަލް "ހޯންޓިން އޮފް ބްލައި މޭނަރ" ގެ ޝޫޓިން އެއްކޮށް ނިމި ނެޓްފިލްސްއަށް އަންނަން ގާތްވެއްޖެކަމަށް ސީރީޒްގެ ޑައިރެކްޓަރ "މައިކް ފްލެނެގަން" ބުނެފިއެވެ.
މައިކް ކުރި ޓްވީޓެއްގައި ބުނީ، "ހޯންޓިން އޮފް ބްލައި މޭނަރ" ގެ މަންޒަރުތައް ނަގާ ނިމިއްޖެކަމަށައެވެ. އަދި މި ސީރީޒްގެ ކާސްޓުންނަށާއި މުޅި ޓީމަށް އެ ޓްވީީޓުގައި މައިކް މަރުޙަބާވެސް ކިޔާފައިވެއެވެ.
ހޯންޓިން އޮފް ހިލް ހައުސްއަށް ވުރެ މި ފަހަރުގެ ސީކުއަލް މާ ބުރެވެރިވެފައި ޝައުގުވެރިވާނެކަމަށް މީގެ ކުރިންވެސް ޑައިރެކްޓަރު ބުނެފައިވާއިރު، މި ފަހަރުގެ ސީކުއަލްގައި ކިޔައިދޭނީ މުޅިން އާ ވާހަކައެކެވެ.
ސީޒަން އެކެއްގެ ބައެއް ތަރިންވެސް ދެވަނަ ސީކުއަލްގައި ހަރަކާތްތެރިވާއިރު، މި ސީކުއަލްގައި ގިނައިން ފެންނާނީ އާ ކާސްޓުންތަކެކެވެ.
އެމެރިކާގެ ލިޔުންތެރިޔެއް ކަމަށްވާ ޝާރލީ ޖެކްސަން 1959 ގައި "ދަ ހޯންޓިންގް އޮފް ހިލް ހައުސް" ނަމުން ލިޔެފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވުނު މި 10 އެޕިސޯޑުގެ ސީރީޒް އަކީ، އާއިލާއަކަށް މެދުވެރިވާ ތަފާތު ބިރުވެރި، ނާމާން ހާދިސާތަކެއް ދައްކުވަިދޭ އުފެއްދުމެކެވެ.
ހިތްއަވަސްކޮށްލާފަދަ ބިރުވެރި މަންޒަރުތަކެއް ދައްކުވައިދީ މި ސީރީޒް ރިލީޒް ކުރިމާއެކު މި ސީރީޒްއަށް ފޭނުންގެ ކިބައިން ލިބިފައިވަނީ އާދަޔާ ޙިލާފު ތަރުޙިބެކެވެ. ސަބަބަކީ، "ދަ ހޯންޓިންގް އޮފް ހިލް ހައުސް" އަކީ އާއްމުކޮށް ފެނިފައިވާ ބިރުވެރި ފިލްމްތައް އަދި ސީރީޒްތަކާއި ހިލާފަށް އާދަޔާ ޚިލާފު ސަސްޕެންސް ވާހަކައަކަށްވާތީއެވެ.
އަދި މި ސީރީޒް ކުރިއަށް ގެންގޮސްފައިވާ ގޮތުން ޝައުގުވެރި ކަމާއެކު ބަލާލަން ހުރެވޭނެކަމުގެ ޔަޤީންކަންދެމެވެ. އެހެންކަމުން މިފަހަރުގެ ސީޒަންގައިވެސް ގެނެސްދޭނީ މޮޅު އަދި ޝައުވެރިވާހަކައެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ.



