2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީ އިން ކުންފުނިތަކަށް ހަނދާންކޮށްދީފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް، މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އާއި މިޤާނޫނުގެ ތާވަލް 2 ވަނަ ނަންބަރުގައި ބަޔާންކުރާ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރޗް މަސް ނިމުމުގެ ކުރިން ދައްކަންވާނެކަމަށް ބަޔާންކުރާ ކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް ހަނދާކޮށްދޭކަމަށެވެ.
"ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/2،000 ރުފިޔާ ކަމަށާއި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/10،000 ރުފިޔާ ކަމަށް އިސްވެދެންނެވުނު މާއްދާގައި ބަޔާންކުރޭ" އިޢުލާނުގައިވެއެވެ.
މީގެއިތުރުން އެމިނިސްޓްރީއިން ވިދާޅުވީ، މާރޗް މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރިލް މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ -/1،000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށާއި، އޭޕްރިލް މަހުގެ ނިޔަލަސް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ -/2،500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށެވެ.
ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.
އަދި އެއަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް، ގަވާއިދު ނަންބަރު R-1034/2019 (ކުންފުނި އުވައިލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 2 ވަނަ މާއްދާގެ (1) ގެ ދަށުން އުވާލުމަށް ކަނޑައެޅޭނެ ވާހަކަވެސް އިކޮނޮމިކް މިނިސްޓްރީގެ މިއިޢުލާނުގައިވެއެވެ.
އަހަރީ ފީ ނުދައްކައިގެން މީގެ ދެހަފްތާ ކުރިން 35 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީއިން އުވާލާފައިވާއިރު، މިދިޔަ އަހަރުގެ މެޗުތެރޭގައި ގިނަ ކުންފުނިތަކެއް އުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
Ithuru 1597 Kunfuni Uvaalan Nimmaifihttps://t.co/AEziKJ8OGr
— Feshun (@feshunonline) July 14, 2019