އަވަށްޓެރި ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ބޮންތަކެއް ގޮއްވާލައިގެން އިއްޔެދިން ހަމަލާތަކެއްގައި މިހާތަނަށް 290 މީހުން މަރުވެއްޖެއެވެ.
އިއްޔެގެ ހަމަލާތައް ދީފައިވަނީ ކުރިސްޓިއަނުންގެ ތިން ފައްޅިޔަކަށާ، ހަތަރު ހޮޓަލަކާއި، އަދި އާންމުން އެއްވެ އުޅޭ ބައެއް ސަރަހައްދު ތަކަށެވެ. މި ހަމަލާތަކުގައި 450 މީހުން ޒަހަމް ވެފައިވާއިރު 290 މީހުން މިހާތަނަށް މަރުވެފައި ވެއެވެ. ޒަހަމްވި ބައެއް މީހުންގެ ހާލު ސީރިއަސްވެ މަރުވި މީހުންގެ އަދަދު އަދި އިތުރު ވެދާނެކަމަށް ބެލެވެއެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ތިން ފުލުހުންނާއި އަދި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 36 މީހުން ހިމެނެއެވެ.
އިއްޔެގެ ހަމަލާތަކާއި ގުޅިގެން 13 ފަރާތެއް މިހާތަނަށް ހައްޔަރު ކޮށްފައިވާއިރު، ސްރީ ލަންކާގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި ސޯސިއަލް މީޑިއާތައް ވަނީވެސް ބޭނުން ނުކުރެވޭގޮތް ހަދާފައެވެ.
މި ހަމަލާތަކާ ގުޅިގެން ލަންކާގައި އިއްޔެ އިޢުލާންކުރި ކާފިއު މިއަދު ހެނދުނު އުވާލާފައިވާއިރު، ލަންކާގައި ދިރިއުޅޭ ދިވެހިން އެހީތެރިކަން ބޭނުންނަމަ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގުޅުއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
Curfew imposed has been lifted at 0600 am. Maldivians in need of assistance & seeking clarification may call the following numbers +94727277072 or +94766942654
— Maldives in SriLanka (@MDVinSriLanka) April 22, 2019
+94766086660
+94764189900
ސްރީ ލަންކާ ސިފައިންނާއި ތަމަޅަ ޓައިގަރުންނާ ދެމެދު ކުރެވުނު ހަނގުރާމަތަކަށް ފަހު މިފަހުގެ ތާރީހެއްގައި ސްރީ ލަންކާގައި ދެވުނު އެންމެ ވަރުގަދަ ހަމަލާތަކަށް ވެގެން ގޮސްފައިވަނީ އިއްޔެ ދެވުނު ބޮމުގެ ހަމަލާ ތަކެވެ.



