ބޮމުގެ ހަމަލާގައި ލިބިފައިވާ ގެއްލުންތައް

ލަންކާގައި މިރޭ ވެސް ކާފިއު އިއުލާން ކޮށްފި

އަވައްޓެރި ސްރީލަންކާގައި އިއްޔެ ހިނގި ބޮން ގޮއްވުމުގެ ހާދިސާއަށްފަހު އިއްޔެ އިއުލާން ކުރި ކާފިއު މިއަދު ހެނދުނު އުވާލުމަށްފަހު މިރޭ ވެސް 20:00 އިން ފަތިހު 04:00 އަށް ކާފިއު އިއުލާންކޮށްފިއެވެ.

ލަންކާގައި ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކުގައި މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

ލަންކާގައި މިރޭވެސް ކާފިއު އިއުލާން ކޮށްފައި މިވަނީ އެ ޤައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް އެ ޤައުމުގެ ފުލުހުން ބުނެފައިވާއިރު، އެމެރިކާއިން ބުނެފައިވަނީ ލަންކާގައި އަދިވެސް ހަމަލާއެއް ދިނުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރޭ ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނީ ކުޑަ ކުޑަ އިންޒާރެއް ދިނުމަށް ފަހު ނުވަތަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ވެސް ލަންކާގެ ބައެއް ސަރަހައްދުތަކުގައި ނިރުބުވެރި ހަމަލާތަކެއް ދިނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެފައިވަނީ، ލަންކާގައި ނިރުބުވެރިންގެ ހަމަލާތައް އަމާޒުވުން އެންމެ އެކަށީގެން ވަނީ ފަތުރުވެރިން އާއްމުކޮށް އެއްވާ ސަރަހައްދުތަކަށާއި، ދަތުރު ފަތުރުކުރުމަށް ބޭނުން ކުރާ އެއާޕޯޓް، ބަސް ސްޓޭޝަން، ރޭލް ސްޓޭޝަން، މާރުކޭޓް، ބޮޑެތި ޝޮޕިން މޯލްތައް އަދި ސަރުކާރުގެ އިދާރާތަކާއި، ހޮޓާތައް، ކްލަބްތައް، ރެސްޓޯރެންޓްތަކުގެ އިތުރުން އަޅުކަން ކުރާ ތަންތަނާއި ސަގާފީ ހަރަކާތްތައް ބާއްވާ ތަންތަނުގައި ކަމަށެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާއިރު، އެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ