ސުކޫލު ދަރިވަރުން އެސެމްބުލީއެއްގައި: ~ ފޮޓޯ: ނޮޅިވަރަމު ސުކޫލު

ވައިރަހާ ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި

ވައިރަހާ ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކަން އަންގާފައިވަނީ މިއަދު އެޑިއުކޭޝަން މިނިސްޓަރު ސޮއި ކުރައްވާ އާންމު ކުރި ސާކިއުލާއެއްގައެވެ.

އެޑިޔުކޭޝަންގެ ސާކިއުލާގައި ފާހަގަކޮށްފައިވަނީ، މިދުވަސްވަރު ރާއްޖެއިން ހިމަބިހި ފެނި، ބައެއް ދަރިވަރުން ހިމަބިއްސަށް ޕޮސިޓިވް ވެފައި ވާތީ އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަންކަމަށާއި، ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ސަރުކާރުން އަންނައިރު، އެ ދެ ބަލިން ރައްކާތެރިވުމަށް އެކަމަށް ކަނޑައަޅާފައިވާ ޓެކްނިކަލް ކޮމެޓީގެ މަޝްވަރާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އަންނަ މެއި 20 ވަނަ ދުވަހާ ހަމައަށް ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މަޑުޖައްސާލަން ނިންމާފައިވާކަމަށެވެ.

އަދި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތެއް ފަހުން އަންގާނެ ކަމަށްވެސް އެޑިޔުކޭޝަނުގެ ސާކިޔުލާގައިވެއެވެ.

އެޑިއުކޭޝަނުގެ ސާކިޔުލާގައި އަންގާފައިވަނީ، އަމަލީ ދަތުރުތަކާއި، ކުޅިވަރު ހަރަކާތްތައް އަދި ޕްރެކްޓިސްތަކުގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިކޮށްގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ހިލޭ ސާބަހަށް ކޮށްދިނުމަށް ރާވާފައިވާ ހަރަކާތްތައް އަދި ސްކޫލުން ބޭރުގައި ބާއްވާ ހަރަކާތްތައް މަޑުޖައްސާލުމަށެވެ. އަދި މީގެ އިތުރުން އޯވަނައިޓަށް ބާއްވާ ކޭމްޕުތައް، ސްކޫލު ފެއާތައް އަދި ކޮންސެޓުތަކުގެ އިތުރުން މިއަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި މާޗް، އޭޕްރީލް އަދި މެއި މަހަށް ހިންގުމަށް ތާވަލުކޮށްފައިވާ ހުރިހާ ހަރަކާތްތައް ވެސް މަޑުޖައްސާލުމަށް އެޑިއުކޭޝަނުން އަންގާފައިވެއެވެ.

މީގެއިތުރުން މިވައިރަހާއި ގުޅިގެން ސްކޫލުތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން މިނިސްޓްރީން ސްކޫލުތަކަށް އަންގާނެ ކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް މިހާރު ވަނީ 61 ގައުމަކަށް ފެތުރިފަ އެވެ. އެ ރޯގާގައި 2،900 މީހުން މަރުވެފައިވާ އިރު 85،000 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ