ފާސްކުރާ ގެތަކުގެ ތެރޭގައި ދިވެހިން ދިރިއުޅޭ ގެތަށްވެސް ހިމެނޭ

އަވަށްޓެރި ލަންކާގައި އިއްޔެދިން ބޮމުގެ ހަމަލާގައި ތުޙުމަތު ކުރެވޭ މީހުން އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި ލަންކާގައި ދިވެހިން ދިރިއުޅޭ ބައެއް ގެތަށްވެސް ފާސްކުރަން ފަށައިފިއެވެ.

އިއްޔެ ލަންކާގައި މީހަކު އަމިއްލައަށް މަރުވެގެން ދިން މިހަމަލާގައި އެތަށް ބަޔަކު ޒަޚަމްވެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނައިރު މިހަމަލާގައި މަރުވި މީހުންގެ އަދަދު 290 އަށް އަރައެވެ. މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވެއެވެ.

ލަންކާގެ ހަމަޖެހުން ނަގާލައި ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި ހަމަލާ ރާވައި، އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހޯދުމަށް ތުހުމަތުކުރެވޭ ތަންތަން އެ ގައުމުގެ ފުލުހުން އަންނަނީ ބަލައި ފާސްކުރަމުންނެވެ. އޭގެތެރޭގައި ދިވެހިން ދިރިއުޅޭ ގެތައް ވެސް ހިމެނެ އެވެ.

"މުޅި އިމާރާތް ފާސްކުރިއިރު އަޅުގަނޑު ދިރިއުޅޭ އެޕާޓްމެންޓަށް ވެސް ބަޑި ހިފައިގެން ވަދެ ފާސްކުރި،"  ލަންކާގައި ދިރިއުޅޭ އާއިލާއަކުން ބުންޏެވެ.

މިތަހުޤީގަށް ދިވެހިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް ލަންކާއަށް ރާއްޖެއަށް ކަނޑައޅުއްވާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤު އެދިވަޑައިގަންނަވައެވެ. އަދި ބޮމުގެ ހަމަލާއާ ގުޅިގެން ތުހުމަތުކުރާ ލިސްޓެއް ލަންކާ ސަރުކާރުން ގެންގުޅޭއިރު އޭގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުން އޮތްކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިވަޑައިގެންފައެއް ނުވާކަމަށް ސަފީރު ވިދާޅުވިއެވެ.

އިއްޔެ ހެނދުނު ދާދި އެއްވަގުތެއްގައި ދިން ހަމަލާތަކާ އެކު ލަންކާ އަށް ވަނީ ނާމާންކަން ވެރިވެފަ އެވެ. ބައެއް ވަގުތުތަކުގައި އާންމުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ވެސް ވަނީ ބްލޮކް ކޮށްފަ އެވެ.

އަދި މިނުރައްކާތެރި ހަމަލާގައި މިހާތަނަށް 24 މީހުންވަނީ ހައްޔަރުކޮށްފައިވާއިރު މިހަމަލާގެ ތުހުމަތު ކުރެވެނީ ލަންކާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތަށެވެ.

ސެއިންޓް އެންތަނީސް ޗާޗާއި ކަޓުވަޕިޓިޔާ ޗާޗާއި ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓަލުގައި އަމިއްލައަށް މަރުވެގެން ދިން މިބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައިވަނީ މިރެއިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ