ޔުވެންޓަސްއާއި ލިޔޯން ބައްދަލުކުރާ މެޗު ސަޕޯޓަރުން ނުވައްދާ ކުޅެފާނެ!

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ބުރުގައި ޔުވެންޓަސްއާއި ލިޔޯން ބައްދަލުކުރާ މެޗު ކޮވިޑް-19 ގެ ސަބަބުން ސަޕޯޓަރުން ނުވައްދާ ކުޅެންޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

މިހަފްތާ ބަންދުގައި ޔުވެންޓަސްއާއި އިންޓަރމިލާން އިޓާލިއަން ސީރީއާގައި ބައްދަލުކުރުމަށް ހަމަޖެހިފައިއޮތް ފޯރިގަދަ ޑާބީ މެޗުވެސް ކޮވިޑް-19 ގެ ސަބަބުން ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ރޭވިނަމަވެސް އެމެޗު މިހާރުވަނީ މެއި މަހުގެ 13 އަށް ލަސްކޮށްފައެވެ.

އެހެންނަމަވެސް ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ޔުވެންޓަސްއާއި އޭސީ މިލާން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސަޕޯޓަރުންނަށް ހުޅުވާލައިގެންނެވެ. މާދަމާ ރޭ އިޓަލީގެ ޓިއުރިންގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ބެލުމަށް ވަނުމުގެ ހުއްދަ ލިބޭނީ ވަކިބަޔަކަށްކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

އެހެންކަމުން މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ޔުވެންޓަސްއާއި ލިޔޯން ބައްދަލުކުރާ ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގު ސަޕޯޓަރުންނަށް ބަންދުކޮށްލައިގެން ކުޅުމުގެ ބިރު އެބައޮތްކަމަށް ރިޕޯރޓްތައްވަނީ ބުނެފައެވެ.

ފްރާންސްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އެހެންކަމުން އިޓަލީގައި ކުޅެވޭ މިމެޗުގެ ދެވަނަ ލެގު މެޗަކީ ދެޓީމަށްވެސް ނަތީޖާ ނެރެން ވަރަށް މުހިންމު މެޗެކެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއެކު ޔޫރަޕްގެ ފުޓްބޯޅައަށްވެސް އެކަމުގެ އަސަރު މިހާރުވަނީ ކޮށްފައެވެ. ޔޫރަޕުން މިވައިރަހުގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ އިޓަލީއިންނެވެ. އެޤައުމުން 2000 އަށްވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ. މިދިޔަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އިޓާލިއަން ސީރީއާގެ ފަސް މެޗެއްވެސް މިވައިރަހުގެ ސަބަބުންވަނީ ލަސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ