ރައީސްގެ ހާއްސަ މަންދޫބު ލަންކާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވަނީ | ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް

ރައީސްގެ ހާއްސަ މަންދޫބު ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މަންދޫބު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތައުޒިޔާ ވިދާޅުވެ، އިއްޔެ ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ދިވެހި ރާއްޖެ އޮތީ ސްރީލަންކާ ސަރުކާރާއި ރައްޔިތުންނާއިއެކު ކަން ހާމަކުރައްވާފައެވެ.

ރައީސްގެ މަންދޫބު ވަނީ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއާ އަދި އެޤައުމުގެ ފޮރިން ސެކްރެޓަރީއާ ބައްދަލު ކުރައްވައިފައެވެ.

ލަންކާގެ އެކި ހިސާބުތަކުގައި އިއްޔެދިން ބޮމުގެ ހަމަލާ ތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް އަދި ލިބިފައެއް ނުވެއެވެ. އިއްޔެގެ ހަމަލާތަކާއި ގުޅިގެން ލަންކާގައިވަނީ ކުއްލި ހާލަތު އިއުލާންކޮށް ކާފިއު ހިނގާފައެވެ.

މި ހަމަލާ ތަކުގައި މިހާތަނަށްވަނީ 290 މީހުން މަރުވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައެވެ. މި ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު ސްރީލަންކާގެ ސަރުކާރުން ބުނެފައިވަނީ ހަމަލާދިން ފަރާތްތައް އިނގޭކަމަށް ބުނެފައެވެ. މި ހަމަލާތަކާއި ގުޅިގެން މިހާތަނަށްވަނީ 24 މީހަކު ހައްޔަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ