ކޮރޯނާވައިރަސް ރާއްޖެއިން ފެނިފައިނުވާކަމަށާއި، ދޮގު ޚަބަރު ނުފެތުރުމަށް އެޗްޕީއޭއިން އެދެފި

ކޮރޯނާވައިރަސް ރާއްޖެއިން ފެނިފައިނުވާކަމަށާއި، ވައިރަހާއި ގުޅިގެން ދޮގު ޚަބަރު ނުފެތުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ދާދިދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2020 މާރޗް 3 ވަނަ ދުވަހުގެ ރޭ ގަނޑު 07:00 އާއި ހަމައަށް ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިނުވާކަމަށެވެ. އަދި މި ބައްޔާއި ގުޅިގެން އެޗްޕީއޭއިން އަންގަމުން އަންނަ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށާއި އެއްވެސް ދޮގު ހަބަރެއް ނުފެތުރުމަށްވެސް އެޗްޕީއޭގެ މިޓްވީޓުގައި އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ޓްވީޓްކޮށްފައި މިވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެންނެވެ.

އަދި ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ފެނިފައި ނުވާކަންކަން ރަސްމީކޮށް މިރޭ މިނިސްޓްރީން އިއުލާންކުރުމަށް ޕްރެސް ކޮންފަރެންސެއް ބާއްވާގޮތަށް ހަމަޖެހިފައިވާއިރު، މިފަދަ ދަނޑިވަޅެއްގައި އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދިދާނެ ފަދަ ގޮތަކަށް ވާހަކަތައް ނުފެތުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަސް މިހާރުދަނީ ދުނިޔޭގެ އެކިހިސާބުގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު އުޅެނީ 90 ހާހަށްވުރެ މަތީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ