އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީއާއި ބްލޮގަރު ޔާމީން ރަޝީދުގެ އިތުރުން ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، އެ ތިން ހާދިސާ ހިންގި ސަބަބު ރިޔާސީ ކޮމިޝަނަށް ދެނެގަނެވިފައިވާ ކަމަށާއި، އެއީ މިހާތަނަށް ފުލުހުންނަށް ވެސް ހޯދިފައި ނެތް ކަމެއް ކަމަށެވެ.
ސުއޫދު ވިދާޅުވީ، އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށާއި އޭގެ ސަބަބު ދެނެގަތުމަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރި މަސައްކަތުން، އަޅުގަނޑުމެން ހޯދި ހޯދުންތަކަށް ބަލާއިރު މޯޓިވް (އެކަން ކުރި ސަބަބު) އާއި ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ވަނީ ހޯދިފައި،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް މިހާރު ލަސްވެގެން މިދަނީ އެކޮމިޝަނަށް ޤާނޫނީ ބާރު ލިބިފައި ނެތުމުންނެވެ. އާދައިގެ ރިޕޯޓެއް ނެރެލުން ފިޔަވައި އިތުރު ކަމެއް ކުރުމުގެ ބާރު މިހާރު ކޮމިޝަނަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމަކީ އެޖެންޑާ 19 ގެ ދަށުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރުމަށް އެމްޑީޕީން ނިންމާފައިވާ މަސައްކަތެކެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދާފައެވެ.
ހިޔާލު
*ކޭ ކިޔާބަލަ .
ކޮމެންޓް ކުރުން ބަންދު