މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ރާއްޖެއަށް ކޮރޯނާ ވައިރަހެއް ނާންނާނެ، އަންނާނެ އެއްވެސް މަގެއްވެސް ނޯންނާނެ - ޖާބިރު

ފަތުރުވެރިކަމަށް ދުނިޔޭގައި މަޝްހޫރު ދިވެހިރާއްޖެއަށް، ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ނާންނާނެ ކަމަށް ކާށިދޫ ދާއިރާގެ ޑީއާރުޕީ މެންބަރު، ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޖާބިރު މިހެން ވިދާޅުވީ، ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިއްޖެ ހާލަތެއްގައި ކާޑުގެ ބާވަތްތަކާއި ދަތުރުފަތުރަށް ބުރޫއަފާނެކަމަށް ތައްޔާރުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަސްގައި ވާހަކަފުޅު ދައްކަވަމުން ދާދި ދެންމެއެވެ.

ޖާބިރު ވިދާޅުވީ، ކޮރޯނާ ވައިރަހާ ގުޅިގެން އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި، ކާޑުގެ މައްސަލައެއްވެސް ދިމާ ނުވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް އަތުވެއްޖެނަމަ ޖާބިރު އަމިއްލަފުޅަށްވެސް އިރާދަކުރެއްވިއްޔާ އެކަންކަން ހަމަޖައްސާލަ ދެއްވާނެ ކަމަށެވެ.

"ﷲ ގެ ރަހުމަތުން މިރާއްޖެއަކަށް ކޮރޯނާ ވައިރަހެއް ނާންނާނެ. އެނީމުނީތާ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މިކަމާ ގުޅީގެން ސަރުކާރުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނީ ރަނގަޅަށް ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"ރާއްޖެއަށް ކީތްކުރަންތޯ ކޮރޯނާ ވައިރަސް އަންނަންވީކީ؟ އަޅުގަނޑާ ބެހޭވެސް ކަމެއް ނޫނެއްނޫންތޯ! ހޫނު ޤައުމުތަކަށް ކޮރޯނާ ވައިރަސް ނާންނަކަމަށްވެސް އެބަބުނޭ. އެެހެންވީމާ ނޯންނާނެ ކޮރޯނާ ވައިރަސް އަންނާނެ އެއްވެސް މަގެއް މިތާކުއެއް." ޖާބިރު ވިދާޅުވިއެވެ.

ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ އެއްވެސް މަގެއް ނެތްނަމަވެސް، ކުޑަކޮށް ވިސްނާލަންޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު މިކަހަލަ ކޮންޓިންޖެންސީ ޕްލޭނަކަށް ވަޑައިގަތީމާ ވަރަށް އުފާކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަފުޅުގައި އެމަނިކުފާނު ލަންޑަނުގައި ހުންނެވިއިރު، އޭރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ހާލު ބައްލަވާފައި ނުވާކަމަށާއި، މަސްވެރިކަމަށް މިޔަރުގެ ދަތިކަން ކުރިމަތިވެފައިވާތީ، ހުރިހާ ކަމެއް ހުއްޓިއްޖެނަމަ ކަން ކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްވެސް ގޮވާލެއްވިއެވެ.

"ދިވެހިރާއްޖޭގެ އިޤްތިޞާދު އެމައްޗަށް ބިނާވާ ޓޫރިޒަމާއި މަސްވެރިކަން އެކީގައި ހުއްޓިއްޖެނަމަ ވާނެ ގޮތަކަށް މި ކުއްލި މައްސަލައިގެ ތެރެއިން އަޅުގަނޑަށް ފެނޭ ހައްލު ހޯދަން." ޖާބިރު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑާ ވަރަށް ފަހުން ބައްދަލުވި. ވަރަށް ސްޓޭންޑްބައިގައި ހުންނެވީ. ﷲ ގެ ރަހުމަތުން ކޮރޯނާ ވައިރަސް ކިޔާ އެއްޗެއް ނާންނާނެ ރާއްޖެއަކަށް. އަޅުގަނޑު ބޭނުމެއް ނޫން ކޮރޯނާ ވައިރަހެއް. އަޅުގަނޑުމެން ބޭނުންވަނީ ޑޮލަރު ގެންނަމީހުން އަންނަން. މިލާނުން އަންނަ މީހުން ޗެކްކުރަން އަޅުގަނޑު ބޭނުންވަނީ. އެފަދަ ތަންތަނުން އަންނަ މީހުންނަށް އާދެވެންވާނެ. ރައީސް ތި ވިދާޅުވީ ރަނގަޅަށް. އެއްވެސް ތާކުން ދަތުރުކުރުން މަނަލެއް ނުކުރޭ." ޖާބިރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ