ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސައިފި އެވެ.
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް އެކުލަބުގެ މަޝްހޫރު ސަޕޯޓަރެއް ކަމަށްވާ މޮސްޓާ ހަވާލުވެފައި މިވަނީ ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯޅައިގެ ހަރަކާތްތަކުން އެފްއޭއެމުން އެކުލަބް ސަސްޕެންޑް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތްކަމަށް ބުނެ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ކްލަބް އެފްއޭއެމުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތަކުން ސަސްޕެންޑް ކުރަން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ޗެއާމަންގެ މަގާމަށް މޮސްޓާ ހަމަޖެއްސުމުގެ އިތުރުން އެ ކްލަބުން ވަނީ ވައިސް ޗެއާމަނާއި ހަތް ބޯޑު މެމްބަރުން ވެސް ހަމަޖައްސައިފަ އެވެ. ވައިސް ޗެއާމަނަކަށް ހަމަޖެއްސީ ކުރިން އެކްޓިން ޗެއާމަނުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީ އެވެ. ބޯޑު މެމްބަރުންގެ ގޮތުގައި ހަމަޖެއްސީ ޒަހީނުއްދީން ސައީދު، ހުސައިން ޝާމް އާދަމް، ހަސަން ހުސައިން، އަބްދުލްމުއިޒް މުސްތަފާ، އަހުމަދު ޝިޔާމް، އަހުމަދު ވާސިފް އަދި އިސްމާއީލް ރަޝީދު އެވެ.
ނިއުގެ ޗެއާމަންގެ މަގާމަށް މޮސްޓާ ހަމަޖެއްސިކަން އެ ކްލަބުން އިއުލާންކޮށްފަ ރޭގެ ވަގުތެއްގައެވެ. ނިއު ރޭޑިއަންޓް ކުރިއަށް އޮތް ސީޒަނަށް އަލުން ގެނައުމަށް ކުރާ މަސައްކަތުގައި ސަޕޯޓަރުންނާއިއެކު އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ވެސް މޮސްޓާ އެވެ.




