ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިޓާލިއަން ސީރީއާ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތަށް ނިންމާފައި މިވަނީ އިޓަލީގެ ސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ 3 އާއި ހަމައަށް ކުޅެން ހަމަޖެހިފައިވާ ސީރީއާ ހުރިހާ މެޗެއްވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދައެވެ. ބުދަ ދުވަހު ރަސްމީކޮށް މިކަން އާންމުކޮށްފައިވާއިރު، މިއީ ހަމައެކަނި ފުޓްބޯޅައަށް އެޅި ފިޔަވަޅެއް ނޫނެވެ. އިޓަލީގައިި ކުޅޭ އެހެން ހުރިހާ ކުޅިވަރެއްވެސް މިމުއްދަތުގައި ކުޅޭނީ ސަޕޯޓަރުން ނުވައްދައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާންއިން ފެނުނު މިވައިރަސް މިހާރު ޔޫރަޕްގައި ފެތުރެމުންދާއިރު، ޔޫރަޕުން މިވައިރަހުގެ އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ އިޓަލީއިންނެވެ. އިޓަލީއިން މިވައިރަހަށް 2700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 107 މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.
މީގެއިތުރުން ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގައި ޔުވެންޓަސްއާއި އޭސީ މިލާން އަދި ނަޕޯލީ އާއި އިންޓަރމިލާން ބައްދަލުކުރަމަށް ހަމަޖެހިފައިއޮތް ދެވަނަ ލެގުގެ ދެމެޗުވެސް މިހާރުވަނީ ލަސްކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ޔޫރަޕްގެ ފުޓްބޯޅައަށް އަސަރުކުރަމުން އަންނައިރު، މިއަހަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 ވެސް ކަނޑައެޅިފައިވާ ތާރީޚްގައި ބޭއްވޭނެކަމާމެދު މިވަނީ ސުވާލް އުފެދިފައެވެ.




