ރ.އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް އަމާޒުކޮށް، "ހަރުކަށި ފިކުރު ހުއްޓުވުމުގައި ތަޢުލީމީ
ދާއިރާގެ އިސްވެރިންގެ ދައުރު" މިނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މީގެ އިތުރުން ރ. އުނގޫފާރުގެ ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށް، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް 05 މާރިޗު 2020 ގައި ވަނީ ބާއްވާފައެވެ.
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވީ މި ޕްރޮގްރާމަކީ ހަރުކަށި ފިކުރާ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި އެ ސެންޓަރުން ބާއްވާ މިފަދަ 9 ވަނަ މަސައްކަތު ބައްދަލުވުން ކަމަށެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އިސްލާމިކް ޔުނިވާރސިޓީ އޮފް ދަ މޯލްޑިވްސްގެ ވައިސްޗާންސްލާރ (އެކެޑެމިކް އެފެއާޒް) ޑރ. ސައުދުﷲ ޢަލީއެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.
މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ.
އެއްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެން.ސީ.ޓީ.ސީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގެ ޑެޕިއުޓީ ވައިސްޗާންސްލާރ (އެކެޑެމިކް އެފެއާޒް ޑރ. ސައުދުﷲ ޢަލީއެވެ.
މިފަހަރުގެ ޕްރޮގްރާމްގައި ރ. އަތޮޅުގެ 17 ސްކޫލަކުން 27 ބޭފުޅުން ބައިވެރިވެލެއްވިއެވެ.
ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި "ގްރޭޓާރ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅުގެ ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކާއި ޅ. އަތޮޅުގެ ސުކޫލުތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ވަނީ ހިންގާފައެވެ.



