އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވި ނިރުބުވެރިޔަކު ބޮން ހަރުކޮށްގެން ޗާޗެއްގެ ތެރެއަށް ވަންނަ ވީޑިއޯއެއް ލަންކާގެ ޓީވީ ޗެނަލްތަކުން އާއްމު ކޮށްފިއެވެ.
މި ވިޑިއޯއިން ފެންނަ ހަމަލާއަކީ، އެންމެ ބޮޑު ބޮމުގެ ހަމަލާ ދިން ނިގަންބޯގެ ޗާޗަށް ދިން ހަމަލާއެވެ. ޗާޗްގެ ބޭރުގައި ހަރުކޮށްފައި ހުރި ސީސީ ޓީވީ ކެމެރާއަކުން ރެކޯޑް ކުރެވިފައިވާ ވީޑިއޯ އިން ފެންނަނީ މި ނިރުބަވެރިޔާ ދަބަހެއް އަޅުވައިގެން އައިސް ޗާޗަށް ވަންނަ މަންޒަރެވެ.
ޗާޗުގެ ތެރެއަށް އޭނާ ވަނުމާއެކު، ދެން މި ވީޑިއޯއިން ފެންނަނީ، ޗާޗުގެ އެތެރޭގައި ހުރި ކެމެރާއަކުން ރިކޯޑްކުރެވިފައިވާ މަންޒަރުތަކެވެ. އެވަގުތު ޗާޗުގެ އެތެރޭގައި އަދި ބޭރުގައިވެސް ވަރަށް ގިނަ މީހުން ތިބިއިރު، އޭނާ ޗާޗުގެ ދޮރަކުން އެތެރެއަށް ވަދެ މެދު ތެރޭގައި ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑި އެއްގައި އިށީންނަ ހިސާބުން މި ވީޑިއޯ ނިމެއެވެ.
ލަންކާގެ އަށް ސަރަހައްދެއްގައި ބޮމުގެ ހަމަލާތައް ދީފައިވާއިރު، ބޮމުގެ ހަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 310 އަށް އަރާފައެވެ.