މާލެ ޖަލު - ފޮޓޯ: މިހާރު

އައްސޭރި ޖަލުގައި ހަމަނުޖެހުން ހިނގައި 3 އޮފިސަރަކަށް އަނިޔާވެއްޖެ

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހަމަނުޖެހުމެއް ހިނގައި ޖަލުބަލަހައްޓާ 3 އޮފިސަރަކަށް އަނިޔާ ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އެ ސަރވިސް އިން ވިދާޅުވި ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ޤައިދީއަކު ޖަލުގައި ގެންގުޅުން މަނާ އެއްޗެއް ގެންގުޅޭކަން ފާހަގަ ކުރެވިގެން ޖަލު އޮފިސަރުން އޭތި ނަގަން މަސައްކަތް ކުރުމުންކަމަށެވެ.

"އޮފިސަރުން އޭތި ނަގަން މަސައްކަތް ކުރުމުން ބައެއް އެހެން ގައިދީން ބައިވެރިވެގެން އައްސޭރި ޖަލުގައި ރޭ ހަމަނުޖެހުން ހިންގާފައިވަނީ" ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެފައިވެއެވެ.

މި ހަމަނުޖެހުންތަކުގައި ޖަލުބަލަހައްޓާ 3 އޮފިސަރަކަށް އެކިވަރުގެ އަނިޔާލިބިފައިވާކަމަށް ކަރެކްޝަންސް އިން ވިދާޅުވެއެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ވިދާޅުވީ ހަމަނުޖެހުން ހިނގުމާއެކު ލަސްތަކެއްނުވެ މިހާދިސާވަނީ ކޮންޓްރޯލްކޮށް އާންމުހާލަތަކަށް ގެނެސްފައިކަމަށާއި އަދި މި ހާދިސާގައި ޤައިދީއަކަށް އަނިޔާވެފައި ނުވާކަމަށެވެ. ކަރެކްޝަންސް އިން ވިދާޅުވީ މިކަމާއި ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ.

އައްސޭރި ޖަލަކީ ކުދި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ބަންދުކޮށްފައި ބަހައްޓާ ޖަލެކެވެ.

ޖަލުތަކުގައި ތިބީ ގައިދީންނާއި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ދެމެދު ދޭތެރެދޭތެރެއިން އަންނަނީ ހަމަނުޖެހުން ހިނގަމުންނެނެވެ.

މިކަންކަން ހައްލު ކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ޖަލުތަކަށް މަނާތަކެތި ވެއްދުން ހުއްޓުވުމާއި، ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ