ކޮވިޑް-19 އާއި ބެހޭގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތައް ރަނގަޅު ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކާއި ބޭހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަޙީދު ވިދާޅުވީ ރައީސް ނަޝީދު ފާޅުކުރަމުން އެދާ ހިޔާލު ތަކަކީ ރަނގަޅު ހިޔާލުތަކެއް ކަމަށެވެ.
"މުޅި ދުނިޔޭގައި މި ބަލި ފެތުރެމުންދާއިރު އަޅުގަނޑުމެން ކޮރޯނާ ވައިރަސްއޭ ކިޔާފައި އަނެއްފަހަރު މުޅި ދުނިޔޭގެ އެއްކާރިއަށް ބާކީ ވާކަށް ހެޔޮނުވާނެ. މި ބަލި ދުނިޔޭގައި އަދި އޮންނާނީ ކިހާ ދުވަހެއްކަމެއް ދުނިޔޭގެ އެއްވެސް އެޖެންސީ އަކަށް ކަށަވަރު ނުވޭ. ޑަބްލިއުއެޗްއޯ އަކަށްވެސް ކަށަވަރެއް ނުވޭ" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ދައުލަތުގެ ބާރު ތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުން ހޭލުންތެރި ކުރުމާއި ބެހޭގޮތުން މިފަދަ ވާހަކަތައް ދެއްކުމަކީ އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބެމުންދާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ދުނިޔޭގައި އުޅޭ ބައްޔެއް ވިއްޔާއި ރާއްޖެވެސް އައުމަކީ ނުވެ ނުދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.




