ވައިރަހާއި ގުޅިގެން ޕީއެސްޖީ މެޗު ފަސްކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ފްރެންޗް ލީގު 1 ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ޕީއެސްޖީ މެޗު ފަސްކޮށްފިއެވެ.

ސްޓާސްބޯގުއާއި ދެކޮޅަށް އަވޭގައި ޕީއެސްޖީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަސްކޮފައިވާއިރު، އެސަރަޙައްދުން 49 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ލީގު 1 އިން މިގޮތަށް ނިންމާފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ލީގު 1 ގެ މެޗުތަކަށް އަޞަރުނުކުރާނެކަމަށް ސްޕޯޓްސް މިނިސްޓަރު ރޮޒާނާ މަރަސިނިއަނޫ ބުނިތާ ތިން ދުވަސް ފަހުންނެވެ.

އަންގާރަ ދުވަހު ކުރިއަށް ކޮންފަރެންސެއްގައި ރޮޒާނާ ބުނީ، ލީގު މެޗުތަކަށް ވައިރަހުގެ ސަބަބުން އަސަރެއްނުކުރާނެކަމަށާއި، އެއީ ލީގު މެޗު ބަލަން ދަނޑަން ވަންނަ ފަރާތްތަކަކީ ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިނުވާ ސަރަޙައްދުތަކަށް ނިސްބަތްވާ ފްރާންސްގައި އުޅޭ މީހުންކަމަށްވާތީއެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ގަދަ 16 ގައި ޕީއެސްޖީއާއި ޑޯޓުމުންޑް ބައްދުލުކުރާ މެޗު ސަޕޯޓަރުން ނުވައްދާ ކުޅެންޖެހިދާނެކަމަށްވެސް އޭނާ ބުންޏެވެ.

މިނުރައްކާތެރި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރައިފައިވާއިރު، މިވައިރަހުގައި 3,400 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި މިވައިރަސް 94 ޤައުމަކުން މިހާރުވަނީ ފެނިފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިވައިރަހުގެ އަސަރު ފުޓްބޯޅައަށްވެސް މިވަނީ ކޮށްފައެވެ. މިވައިރަހާއި ގުޅިގެން އިޓާލިއަން ސީރީއާގެ މެޗުތަށް އަންނަ އޭޕްރީލް މަހުގެ 3 އާއި ހަމައަށް ސަޕޯޓަރުން ނުވައްދާ ކުޅުމަށް ހަމަޖެހިފައިވާއިރު، މޮރޮކޯ އަދި ސައުދީ އެރޭބިއާގައިވެސް މެޗު ބަލަން ދަނޑުތަކަށްވަނުންވަނީ މަނާކޮށްފައެވެ.

އަނެއްކޮޅުން މެޗު ފެށުމުގެ ކުރިން ބައްދަލުކުރާ ދެޓީމުގެ ކުޅުންތެރިން ކުރާ ސަލާމްވެސް ޕްރިމިއާ ލީގުގައި މިވަނީ ހުއްޓާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ