ފުންނާބު އުސް ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުއޫދުގެ މައްސަލަ ބަލާކަން ހާމަކުރަމުން ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ، ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން، ކޯޓު ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފި ވާކަމަށެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ، އެ ހުރިހާ ބޭފުޅުން ވެސް މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑު ވިދާޅުވެގެން ސުއޫދަށް ސަސްޕެންޝަން އައިސްފައި ވެއެވެ.




