މުޅި އޭސިއާ ސިއްސުވާލައި މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގައި ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ކަމަށް ބުނާ މީހުން ބައިއަތުހިފާ ވީޑިއޯއެއް އާއްމުކޮށްފިއެވެ.
އާދީއްތަ ދުވަހު ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްސް (އައިއެސް) އިން ނަގާފައިވާއިރު، ހަމަލާގައި ބައިވެރިވިކަމަށް ބުނާ މީހުން ބައިއަތުހިފާ ވީޑިއޯ އާއްމުކޮށްފައިވަނީވެސް އައިއެސްގެ އަލް އަމަގް ނިއުސް އެޖެންސީންނެވެ.
މި ވީޑިއޯއިން އަށް މީހަކު ފެންނައިރު، އެންމެ އިސްކޮށް ހުރީ އައިއެސްގެ ނަމުން ނަމަ "އަބޫ އުބައިދާ" އެވެ. ލަންކާއަށް ނިސްބަތްވާ ޒަހްރާން ހާޝިމީ ނުވަތަ އަބޫ އުބައިދާއަކީ ސަންގުރިލާ ހޮޓަލުގެ ރެސްޓޯރަންޓްގައި ޖާނުން ފިދާވެގެން ހަމަލާދިންކަމަށް ބެލެވޭ މީހާއެވެ.
ޒަހްރާން ނުވަތަ އަބޫ އުބައިދާގެ އިތުރުން ދެން ތިބި ހަތް މީހުންގެ މޫނުވަނީ ނިވާކޮށްފައެވެ. ބައިއަތު ހިފުމުގައި އިސްކޮށް ޒަހްރާން ހުރިއިރު އޭނާގެ މޫނު ނިވާކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އޭނާއަކީ މި ހަމަލާގެ އެންމެ އިސް އެއް މޭސްތިރިއެވެ.
އާދީއްތަ ދުވަހު ލަންކާގެ ބައެއް ފައްޅި ތަކަށާއި ބައެއް ހޮޓާތަކަށް ދިން އަށް ހަމަލާގެ ތެރެއިން ހަތް ހަމަލާއެއް ދީފައިވަނީ ޖާނުން ފިދާވެގެންނެވެ.
މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 321 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 500 އާއި ގާތްކުރެއެވެ. ހަމަލާތަކާއި ގުޅިގެން މިހާތަނަށް 40 މީހަކުވަނީ ހައްޔަރު ކޮށްފައެވެ.




