ލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން މަގާމުން ދުރުކުރަނީ

ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މަގާމުން ދުރުކުރާނެ ކަމަށް ލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

ސިރިސޭނަ މިހެން ވިދާޅުވީ ދެންމެ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ސިރިސޭނަ ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ވެރިން މަގާމުން ދުރުކުރަން ނިންމީ ކުރިއަށް އޮތްތަނުގައި ނިރުބުވެރި ހަމަލާތަކުން ގައުމު ސަލާމަތް ކުރަން ކަމަށެވެ. އަދި ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ހިންގުމުގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެންނަވާނެ ކަމަށްވެސް ސިރިސޭނާ ވިދާޅުވިއެވެ.

"ކުރިއަށް ހަފްތާތަކުގެ ތެރޭގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނެވޭނެ. އަޅުގަނޑު މިއުއްމީދު ކުރަނީ ސަލާމަތީ ބާރުތަކުގެ ވެރިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބަދަލު ކުރެވޭނެ ކަމަށް." ސިރިސޭނަ ވިދާޅުވިއެވެ.

ބޮމުގެ ހަމަލާތަކަށް ފަހު ފުރަތަމަ ފަހަށް ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިރިސޭނަ ވިދާޅުވީ، ލަންކާ އަށް ނިރުބުވެރި ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ލަފާކުރެވިގެން ބޭރު ގައުމަކުން ލަންކާ އާއި ހިއްސާކުރި ޖާސޫސީ މައުލޫމާތު އޭނާ އަށް ލިބިވަޑައިގެންފައި ނެތް ކަމަށެވެ.

"ބޭރު ގައުމެއްގެ ފަރާތުން ލިބުނު ޖާސޫސީ މައުލޫމާތުތައް ސަލާމަތީ ކަންތައްތަކާއި ބެހޭ އޮފިޝަލުން އަޅުގަނޑާއި ހިއްސާކޮށްފައެއް ނެތް. އެމައުލޫމާތު އަޅުގަނޑަށް ދެއްވާފައި ނުވާތީ އެ އޮފިޝަލުންނާއި މެދު ފިޔަވަޅު އަޅަން އަޅުގަނޑު ނިންމައިފިން." ސިރިސޭނަ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ