ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ސެނެހިޔާގައި މި ހުޅުވި ކުލިނިކް ގައި ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމަޔަށް ހުޅުވާފައި ހުންނައިރު އާންމު ރައްޔިތުންނަށް އެތަނުން ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.
މިއީ ކޮވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލް ތަކަށް ބާރު ބޮޑުވުން ކުޑަވެގެންދާނެ ކަމެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މާލޭގައި މިއަދު ވަނީ ޓްރެވެލް ކްލިނިކެއްވެސް ހުޅުވާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް ވަނީ ހަ މީހަކު ޕޮޒިޓިވްވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ކޮވިޑް-19 އާއި ބެހޭ އަޕްޑޭޓް މައުލޫމާތު ލިބޭނެ ވެބްސައިޓެއްވެސް ތައާރަފް ކޮށްފައެވެ. އަދި މި ބަލިން ރައްޔިތުން ރައްކާތެރި ކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ގެންދަނީ އަޅުއްވަމުންނެވެ.



