ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ލަންކާގެ ހަމަލާ އަކީ މުޅި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް – ރައީސް

އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ ސްރީލަންކާގައި ދިން ޙަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޭ ރައީސް ޞާލިހް ވިދާޅުވީ، އެ ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ސްރީލަންކާގައި ދިން ޙަމަލާތަކަކީ، އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި، ވަރަށް ދަށު ދަރަޖައިގެ ފިނޑި ޢަމަލެއް ކަމަށެވެ.

"ކޮންމެ މަޤްޞަދެއްގައި ވިޔަސް، އެއްވެސް ޙައްޤަކާ ނުލައި، ކުށެއް ނެތް ބަޔަކަށް، އެފަދަ ރަޙުމްކުޑަ އަނިޔާއެއް ދިނުމަކީ، އެއްވެސް ހަމަޔަކުން ބަލައިގަނެވޭނެ ކަމެއް ނޫން. ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރިކުރަނީ، އެންމެ ހަރުކަށި ޢިބާރާތުން." ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ޒަހަމްވެފައިވާ ބައެއް ފަރާތްތަކުގެ ހާލު ސީރިއަސްވެ މަރުވި މީހުންގެ އަދަދު މަތިވުމަކީ އަދިވެސް ވެދާނެ ކަމެކެވެ. ހަމަލާތަކުގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު 500 އަށް އަރައެވެ.

ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މަގާމުން ދުރުކުރާނެ ކަމަށްވެސް ލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ