ބޮންތައް އުފެއްދި ފެކްޓަރީ

ބޮންތައް އުފެއްދި ފެކްޓްރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އަވަށްޓެރި ސްރީލަންކާ އަށް މިދިޔަ އާދީއްތަ ދުވަހު ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގައި ގޮއްވާލި ބޮންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރި ފެކްޓްރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، ރަތުލޯ އިން އެކި ތަކެތި އުފައްދާ މި ފެކްޓްރީ ހުންނަނީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ އިރުމަތީގައި އޮންނަ އަވަށެއް ކަމަށްވާ ވެލަމްޕިޓިޔާގައެވެ.

އާދީއްތަ ދުވަހުގެ ހަމަލާތައް ދިނުމަށް ހުރިހާ ތަކެއްޗެއް ތައްޔާރުކޮށް، އެންމެ ފަހުގެ ތައްޔާރީތައްވި ކަމަށް ބެލެވޭ މިފެކްޓްރީ އަކީ ބޮމުގެ ހަމަލާގައި އަމިއްލަ ޖާނު ގޮއްވާލި އިންޝާފް އަޙްމަދުގެ ނަމުގައި ހިންގަމުން އައި
ފެކްޓްރީއެކެވެ.

ނަމަވެސް މިހާރު ބެލެވޭ ގޮތުގައި މިއީ ހަމަލާ ދިން މީހުން ހަމަލާ އަށް ތައްޔާރު ވުމުގެ ގޮތުން ކުރިން ގަނެފައި ހުރި ފެކްޓްރީ އެކެވެ. އިންޝާފްގެ އަނބިމީހާގެ އާއިލާ މެންބަރުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އިންޝާފަކީ މިފަދަ ބޮޑު ފެކްޓްރީއެއް ގަނެވޭ ވަރުގެ މާލީ ގާބިލްކަން ހުރި މީހެއް ނޫންކަމަށާއި އޭނާގެ އާއިލާ އަކީ ވެސް މެދުފަންތީގެ އާއިލާއެއް ކަމަށެވެ. އެހެންކަމުން ބެލެވެނީ ފެކްޓްރީ ގަތުމަށް ޚަރަދު ކޮށްފައި ވާނީ ނިރުބުވެރިން ކަމަށެވެ.

އިންޝާފްގެ އަނބިމީހާގެ އާއިލާ މެންބަރުން ބުނާ ގޮތުގައި ބޮން ގޮއްވާލުމަށްޓަކައި އިންޝާފް ދިޔައީ ޒެމްބިއާ އަށް ވިޔަފާރި ދަތުރަކު ދަނީ ކަމަށް އަނބިމީހާ ކައިރީ ބުނެފައެވެ. ހުކުރު ދުވަހުގެ ފަތިހު އިންޝާފް އަނބިމީހާ އާއި އެކު އެއާޕޯޓަށް ވެސް ދިޔައެވެ. އެއީ އަނބިމީހާ އަށް އޮޅުވާލުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށާއި، ނަމަވެސް އިންޝާފް މާތަފާތު ގޮތަކަށް އުޅެމުން އަންނަކަން އޭރު ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މީޑިއާ އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅޭ ތަޙްޤީޤު އަދި އޮތީ މާގިނަ މައުލޫމާތުތަކެއް ހާމަކުރެވޭ ހިސާބެއްގައި ނޫންކަމަށާއި ނަމަވެސް ތަޙްޤީޤުގައި ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ލަންކާ ފުލުހުން ބުނެއެވެ.

ކަންކާގައި ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 359 އަށް އަރާފައެވެ. އަދިވެސް އެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ