މިހާރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ޖަރުމަން ބުންޑެސްލީގާގައި ކުޅެމުން އަންނަ ކުޅުންތެރިއަކުވެސް ޕޮޒިޓިވް ވެއްޖެއެވެ.
ހުކުރު ދުވަހު ހެދި ޓެސްޓްތަކުން މިވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބުންޑެސްލީގާގެ ޕެޑަބޯންއަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ޖަރުމަނުގެ ޑިފެންޑަރު ލޫކާ ކިލިއަންއެވެ. ކިލިއަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިހަފްތާ ބަންދުކުޅުމަށް ހަމަޖެހިފައިވާ ބުންޑެސްލީގާގެ މެޗުތައްވެސް ފަސްކުރުމަށްވަނީ ނިންމާފައެވެ.
ޑޯޓުމުންޑުން ސީނިއާ ކެރިއަރު ފެށި ކިލިއަން ޕެޑަބޯންއާއި ގުޅުނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
Following current developments in connection with the Coronavirus: The DFL has suspended the 26th Matchday of the Bundesliga and Bundesliga 2. pic.twitter.com/h0W2VtXHG1
— Bundesliga English (@Bundesliga_EN) March 13, 2020
ކޮވިޑް-19 ހަލުވިކަމާއެކު ޔޫރަޕުގައި ފެތުރެމުންދާއިރު، ކްލަބުތަކުން އަންނަނީ ކުޅުންތެރިންނާއި އޮފިޝަލުން މިވައިރަހަށް ޓެސްޓް ކުރަމުންނެވެ. އެގޮތުން އާސެނަލްގެ ކޯޗު މައިކަލް އާޓެޓާއާއި ޗެލްސީގެ ވިންގާ ހަޑްސަން އޮޑޮއިވެސްވަނީ މިވައިރަހަށް ޕޮޒިޓިވް ވެފައެވެ.
ސްޕެނިޝް ލަލީގާގައި ކުޅެމުން އަންނަ ލެގަނޭސްގެ ޖެނެރަލް މެނޭޖަރ މާޓިން އޯޓެގާވަނީ އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓީވްވެފައެވެ.
އަދި ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ޑެނިއަލީ ރުގާނީގެ އިތުރުން އިޓާލިއަން ސީރީއާގެ ސަމްޑޯރިއާއިން 5 ކުޅުންތެރިއަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ޕެޑަބޯންގެ ހުރިހާ ކުޅުންތެރިންނާއި މެންބަރު ކޮރވިޑް-19 އަށް މިއަދު ޓެސްޓް ކުރާނެކަމަށް އެކްލަބުންވަނީ ބުނެފައެވެ.



