ސްޕެއިންގެ ކްލަބުތަކުގެ ފަރިތަކުރުންތައް ހުއްޓާލުމަށް އެޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ގޮވާލައިފިއެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މިކަމަށް ގޮވާލާ ބަޔާނެއް ނެރެފައިވާއިރު، އެގައުމުގެ ފުޓްބޯޅަ ހަރަކާތްތައް ދެ ހަފްތާއަށް މުއްދަތަކަށް މަޑުޖައްސާލުމަށްވަނީ ނިންމާފައެވެ.
އަނެއްކޮޅުން ސްޕެނިޝް ލަލީގާގައި ކުޅެމުން އަންނަ ލެގަނޭސްގެ ޖެނެރަލް މެނޭޖަރ މާޓިން އޯޓެގާވަނީ އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓީވްވެފައެވެ. އެއާއެކު އޭނާއާއި ކޮންޓެކްޓްވި ހުރިހާ ފަރާތްތައް މިހާރުވަނީ ކަރަންޓީނު ކުރެވިފައެވެ.
ސްޕެއިންގެ ފުޓްބޯޅައާއި ގުޅިގެން މިވައިރަހަށް ޕޮޒިޓިވް ފުރަތަމަ ފަރާތަކީ އޯޓެގާނަމަވެސް، ރެއަލްމެޑްރިޑްގެ ބާސްކެޓް ޓީމު ކުޅުންތެރިއަކު މިވައިރަހަށް ޕޮޒިޓިވްވެފައި ވުމުން ރެއަލްމެޑްރިޑް ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި މެންބަރުންވަނީ ކަރަންޓީނު ކުރެވިފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ ވޫހާން ސިޓީއެއް ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިވައިރަހުގެ އަސަރު ދުނިޔޭގެ ފުޓްބޯޅައަށްވެސް މިވަނީ ކޮށްފައެވެ. އެގޮތުން ސްޕެނިޝް ލަލީގާއާއި، އިޓާލިއަން ސީރީއާ، ޕްރިމިއާ ލީގު އަދި ބުންޑެސްލީގާގެ އިތުރުން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް މިހާރުވަނީ މެދުކަނޑާލާފައެވެ.
މީގެއިތުރުން މިއަހަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 އަށްވެސް މިކަމުގެ އަސަރުކުރާނެކަމަށް ޤަބޫލުކުރެވޭއިރު މިމުބާރާތް 2021 އަށް ލަސްކުރަން އުޅޭކަމުގެ އަޑުތަކެއްވެސް މިވަނީ ފެތުރިފައެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ރަސްމީ ފަރާތަކުން އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކްލަބުގެ ކުޅުންތެރިން އެކުގައި ކުރާ ފަރިތަކުންތައް ހުއްޓާލައި މިދުވަސްކޮޅު އަމިއްލަ ފަރިތަކުރުންތައް ކުރިއަށް ގެންދަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އެދިފައިވެއެވެ.



