ހިލޭ ޖެހުމުން މެސީ ބާސާއަށް 50 ލަނޑު ކާމިޔާބު ކޮށްދީފި

ހިލޭ ޖެހުމުން ލިއޮނަލް މެސީ ބާސެލޯނާއަށް 50 ލަނޑު ކާމިޔާބު ކޮށްދީފިއެވެ.

ބާސެލޯނާ ޖާޒީގައި ހިލޭ ޖެހުމުން މެސީ ކާމިޔާބުކުރި 50 ވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ ރޭ ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާގެ ލަނޑުތައް ޖަހައިދިނީ މެސީއާއި ގްރިޒްމަންއެވެ. އަދި ވެލެންސިއާގެ ލަނޑުތައް ޖަހާފައިވަނީ ޕޮލިސްޓާރއާއި ސޯލާއެވެ.

ރޭގެ މެޗުގައި މެސީ ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، މެސީގެ ދެވަނަ ލަނޑަކީ ހިލޭ ޖެހުމަކަށް ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. އޭރިއާގެ ބޭރުން މެސީ ހިލޭ ޖެހުމުން ފޮނުވާލި ބޯޅަ ގޯލްގެ އެތެރެއަށް ވަނީ އަރިމަތީ ދަނޑީގައި ޖެހުމަށް ފަހުގައެވެ. ކީޕަރު ސިލެސެން ޑައިބް ކުރި ނަމަވެސް ބޯޅަ ދިޔައީ ދިފާޢުނުކުރެވޭހާ ދުރުންނެވެ.

މިއީ އުމުރުން 32 އަހަރުގެ މެސީ މިސީޒަންގައި ހިލޭ ޖެހުމުން ބާސެލޯނާއަށް ކާމިޔާބުކޮށްދިން 3 ވަނަ ލަނޑެވެ. ގްރަނާޑާއާއި އަދި އެތުލެޓިކް ކްލަބާއި ދެކޮޅަށްވެސް މެސީވަނީ ހިލޭ ޖެހުމުން ލަނޑު ކާމިޔާބުކޮށްފައެވެ. މެސީގެ ކެރިއަރުގައި ހިލޭ ޖެހުމުން ބާސެލޯނާއަށް 50 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، އެންމެ ގިނަައިން ހިލޭ ޖެހުން ކާމިޔާބުކޮށްފައިވަނީ 2018/19 ސީޒަންގައެވެ. އެސީޒަންގައި 9 ހިލޭ ޖެހުމެއް މެސީ ކާމިޔާބުކޮށްފައިވެއެވެ.

މެސީގެ ކެރިއަރުގައި ހިލޭ ޖެހުމުން މިހާތަނަށް ކާމިޔާބުކޮށްފައިވާ ލަނޑުގެ އަދަދަކީ 56 ކެވެ. ބާސެލޯނާގެ އިތުރުން އަނެއް ހަ ހިލޭ ޖެހުން އޭނާ ކާމިޔާބުކޮށްދީފައިވަނީ އާޖެންޓީނާއަށެވެ.

ރޭގެ މެޗުގައި މެސީ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު މިސީޒަންގައި އޭނާ ކާމިޔާބުކުރި ލީގު ލަނޑުގެ އަދަދުވަނީ 28 އަށް އަރާފައެވެ. އަދި މިސީޒަންގެއެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ލިސްޓުގެ ކުރީވެސް އޮތީ މެސީއެވެ. ދެވަނާގައި އޮތް ބެންޒެމާއަށް މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ 21 ލަނޑެވެ.

މިމޮޅާއެކު ބާސެލޯނާއިންވަނީ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް އޮރެޝަރ ބޮޑުކޮށްފައެވެ. ލީގުގައި ކުރިއަށް އޮތް މެޗުގައި ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ އެތުލެޓިކޯ މެެޑްރިޑާއެވެ. 76 ޕޮއިންޓާއެކު އެތުލެޓިކޯ އެއްވަނާގައި އޮތްއިރު ތިންވަނާގައި އޮތް ބާސާއަށް ލިބިފައިވަނީ 74 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ