ލަލީގާ - ސުއަރޭޒްގެ ލަނޑުން މޮޅުވެ، އެތުލެޓިކޯއަށް ޗެމްޕިއަންކަން

އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުން މޮޅުވެ އެތުލެޓިކޯއިން 2020/21 ސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފިއެވެ.

ލީގުގެ ފަހު މެޗުތައް ރޭ ކުޅެފައިވާއިރު، އެތުލެޓިކޯއިން ރޭ ކުޅެފައިވަނީ ވަޔަޑޮލިޑާއި ދެކޮޅަށެވެ. އަވޭގައި ކުޅުނު މިމެޗު އެތުލެޓިކޯއިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ވަޔަޑޮލިޑަށް ކާމިޔާބުކޮށްދީފައިވަނީ ރެއާލްގެ ޔޫތު ޓީމަށް ކުރިން ކުޅުނު އޮސްކާ ޕްލޭނޯއެވެ. މެޗުގެ 18 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ވަޔަޑޮލިޑް ކުރީގައި އޮވެއެވެ. ނަމަވެސް ދެވަނަ ހާފުގައި އެތުލެޓިކޯ އިން ނަތީޖާ އަނބުރާލީ އޭންހަލް ކޮރެއާ އާއި ލުއިސް ސުއަރޭޒްގެ ލަނޑުތަކުންނެވެ.

އޭންހަލް ކޮރެއާ އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނީ މެޗުގެ 57 ވަނަ މިނަޓްގައެވެ. އަދި އޭގެ ދިހަ މިނަޓްފަހުން ސުއަރޭޒްވަނީ އެތުލެޓިކޯއަށް ލީޑު ނަގައިދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ، ފުޓްބޯޅައިގެ ހަޔާތުގައި އޭނާއަށާއި އަދި އާޢިލާއަށް އެންމެ ހިތްދަތިކަމާ ކުރިމަތިވީ މިއަހަރުކަމަށާއި، ނަމަވެސް އިތުބާރުކޮށް އެތުލެޓިކޯއިން އޭނާއަށް ފުރުޞަތުދީފައިވާތީ އެކަމަށް ވަރަށް ޝުކުރުވެރިވާކަމަށެވެ. އޭނާ ވަނީ ލީގުގައި 21 ލަނޑު ޖަހައިފަ އެވެ.

މި މޮޅާއެކު މިސީޒަންގެ ސްޕެނިޝް ލަލީގާ އެތުލެޓިކޯއިން ކާމިޔާބުކޮށްފައިވާއިރު، އެތުލެޓިކޯއިން މިމުބާރާތް ކާމިޔާބުކޮށްފައި މިވަނީ 7 އަހަރަށް ފަހުގައެވެ. ލީގުގެ ޗެމްޕިއަންކަން އެތުލެޓިކޯއިން އެންމެ ފަހުން ހޯދީ 2014 ވަނަ އަހަރު އެވެ. މިއީ އެ ޓީމުން ސްޕެއިން ލީގު ކާމިޔާބު ކުރި 11 ވަނަ ފަހަރެވެ.

އެތްލެޓިކޯއިން ލީގު ކާމިޔާބުކޮށްފައިވަނީ ކުޅުނު 38 މެޗުން 86 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 38 މެޗުން 84 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ބާސެލޯނާއި އޮތީ 79 ޕޮއިންޓާ އެކީގައެވެ.

މެޗުގެ ފަހު ވަގުތާއި ހަމައަށްވެސް ރެއަލް މެޑްރިޑުން ހިތްވަރު ކުރިނަމަވެސް، ފަހު މެޗާއި ހަމައަށް ދިޔައިރު ރެއަލްގެ އަމިއްލަ ބާރު އޮތީ ކެނޑިފައެވެ. ވިލަރެއާލްއާއި ދެކޮޅަށް ރޭ ކުޅުނު މެޗު ރެއަލްއިން ފަހަތުން އަރައި ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ވިޔަރެއާލް އާ ދެކޮޅަށް ރެއާލްގެ ލަނޑުތައް ފަހު ވަގުތު ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އާއި ލުކަ މޮޑްރިޗް އެވެ. މެޗުގެ ނަތީޖާ ރެއާލް އަށް ހަމަހަމަ ކޮށްދިން ލަނޑު ބެންޒެމާ ކާމިޔާބު ކުރީ 87 ވަނަ މިނެޓުގަ އެވެ. ރެއާލް މެޗުން މޮޅުވި ލަނޑު މޮޑްރިޗް ކާމިޔާބު ކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައެވެ.

ތާވަލްގެ ތިންވަނާގައި އޮތް ބާސެލޯނާއިން އެއިބާގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ކެޕްޓަން ލިއޮނެލް މެސީ ނުލައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދީފައިވަނީ އެންޓުއާން ގްރީޒްމަންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މިސްޓާރ ޓޭ

    މި މީހާ ފެންނަ ކޮންމެ ފަހަރަކު ހަމަ ހަނދާން ވަނީ އައިވޮނޯވިކް ގައިގަ ދަތް އަޅާ މަންޒަރު މަތިން.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ