ރާއްޖޭގެ ކަންކޮޅުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީއާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެ ކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށާއި، މި ޕްރޮގްރާމްތަކަށް އާންމުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކުރިއަށް ގެންދެވިއްޖެނަމަ މަދިރި އާލާވާ މިންވަރު މަދުކުރެވޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް މިއަދު ވިދާޅުވީ، މި ދުވަސްވަރުގެ މޫސުން ހުރި ގޮތުން
ޑެންގީ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ ވަސީލަތް ކަމަށްވާ، އީޑީސް މަދިރި މަދުކުރަން ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޗްޕީއޭ އިން ހިންގަމުން އަންނަ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރެއްގެ މޭ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވާއިރު، މިދިޔަ އަހަރުގެ މޭ މަހު އެކަނިވެސް 500 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފައިވެއެވެ.
މަދިރި ފެތުރޭ މިންވަރު މަދުކުރުމަށް އެޗްޕީއޭ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތް ތަކެއްވަނީ އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 15 އަތޮޅެއްގައި ހިމެނޭ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ކުރިއަށް ގެންގޮސްފައި ޑެންގީ އާއި ޗިކުންގުންޔާގެ ކްލިނިކަލް މެނޭޖްމެންޓާ ބެހޭ ޓެލެކޮންފަރެންސް ފާހަގަކޮށްލެވެއެވެ.
ދެ މޫސުން ބެދޭ ދުވަސްވަރު ރަށު ކައުންސިލްތަކާއި، އާއްމު ފަރުދުން އަދި ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން މަދިރި ކޮންޓްރޯލް ކުރުމަށް ހޭލުންތެރި ކުރުމާއި، އަމަލީ މަސައްކަތްތަކެއް ނުކުރެވިްޖެނަމަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވުމަކީ ކައިރި ކަމެކެވެ.