ސްރީލަންކާގައި މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު އިއުލާނުކޮށްފި އެވެ.
މިއީ ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކާ ގުޅިގެން އަދިވެސް އެ ގައުމުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ނެރެފައިވާ ކާފިއުއެކެވެ.
ލަންކާގައި މިރޭވެސް ކާފިއު ހިންގާތީ، އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަނީ ސަމާލުވުމަށް އަންގައިފައެވެ.
އެގޮތުން ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކުގައި އެގައުމުގައި ދިރިއުޅޭ ދިވެހިން ގެއިން ބޭރަށް ނުނިކުމެ، ގޭގައި ތިބުމަށް ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީން ވަނީ އިލްތިމާސްކޮށްފައެވެ.
އާދިއްތަ ދުވަހު ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާ ތަކާ ގުޅިގެން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެގައުމުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު އަށް ސަރަހައްދެއްގައި ބޮން ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އިއްޔެ އައިއެސް ޖަމާއަތުން ވަނީ އުފުލައިފަ އެވެ.
އާދީއްތަ ދުވަހު ލަންކާގެ އަށް ތަަނަކަށް ވަރުގަދަ ބޮމުގެ ހަމަލާތައް ދިންއިރު، އެ ހާދިސާގައި 359 މީހުން ވަނީ މަރުވެފައެވެ. އަދި 500 އަށްވުރެ ގިނަ މީހުން އެ ހާދިސާގައި ޒަހަމްވިއިރު، މިއަދުވެސް އެ ގައުމުގެ އެކި ސަރަހައްދުތަކުން ގޮވާތަކެއްޗާއި ބޮން ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ހަމަލާއަށް ފަހު އަދި މިހާތަނަށް ބޮމުގެ ހަމަލާއެއް ދީފައެއް ނުވެއެވެ.
އަދި މި ހާދިސާގައި މިހާތަނަށް 60 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.




