ލަންކާގައި އިއްޔެ ދިން ހަމަލާތަކާ ގުޅިގެން މަގުތަކުގައި ސިފައިން ފޯރިމަރަނީ - ފޮޓޯ: އޭއެފްޕީ

ލަންކާގެ ދިފާޢީ ވަޒީރު އިސްތިއުފާދެއްވުމަށް އެ ޤައުމުގެ ރައީސް ގޮވާލައިފި

ސްރީލަންކާގެ ދިފާޢީ ވަޒީރު ހެމަރަސީ ފެރްނާންޑޯ އާއި ފުލުހުންގެ އިސް ވެރިޔާ، އިންސްޕެކްޓަރ ޖެނެރަލް ޕުޖިތު ޖަޔަސުންދްރާ އަރިހު، އިސްތިއުފާ ދެއްވުމަށް ރައީސް މައިތިރިޕަލަ ސިރިސޭނާ އަންގަވާފައިވާކަމަށް އެ ޤައުމުގެ ރިޔާސީ އިދާރާއިން ހާމަކޮށްފިއެވެ.

ސިރިސޭނާގެ މި ނިންމެވުން އިޢުލާންކުރައްވާފައި މިވަނީ، ލަންކާއަށް ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރުތަކެއް ލަންކާގެ ސަލާމަތީ އިދާރާތަކަށް ލިބިފައި އޮވެމެ، އެ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށްބުނެ އެފަރާތްތަކަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެހެންނަމަވެސް ދިފާޢީ އިސްމަޤާމުތަކަށް، އެ ބޭފުޅުންގެ ބަދަލުގައި ދެން ޢައްޔަންކުރައްވާނީ ކޮން ފަރާތްތަކެއް ކަމެއް ރިޔާސީ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގެ ޖާސޫސީ އަދި ދިފާއީ ބާރުތަކަކީ، ލަންކާގެ ރައީސް ސިރިސޭނާގެ ބެއްލެވުމުގެ ދަށުގައިވާ އިދާރާތަށް ކަމަށްވާހިނދު، ސިރިސޭނާވެސް މިކަމަށް ސަމާލުކަމެއް ދެއްވާފައިނުވާކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ސިރިސޭނާއަށްވެސް ފާޑުކިޔަމުންނެވެ. 

ސިރިސޭނާ ދެއްވި ޤައުމީ ޚިޠާބުގައި މިކަންކަން ދޮގުކުރައްވާ ވިދާޅުވީ، ޙަމަލާއެއް ދީފާނޭކަމުގެ އެއްވެސް މަޢުލޫމާތެއް ކަމާގުޅޭ އެއްވެސް މުޢައްސަސާއަކުން އެމަނިކުފާނާ ހިއްސާކޮށްފައިނުވާކަމަށާއި، ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެރްނާންޑޯ ކުރިން ވަނީ އެ ޤައުމުގެ ދެ ސަރަޙައްދެއްގައި ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ކުރިން ލިބުނުކަމަށާއި، އެހެން ނަމަވެސް މިވަރުގެ ހާލަތެއް މެދުވެރިވެދާނެކަމަށް ސަލާމަތީ ބާރުތަކުން އަންދާޒާ ކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިކަމުގެ ޒިންމާ އެ ޤައުމުގެ ސަރުކާރާއި އިންޓަލިޖެންސް އިދާރާތަކުން އުފުލަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށްވެސް ހެމަސިރީ ވަނީ ވިދާޅުވެފައެވެ.

އާދީއްތަ ދުވަހު ލަންކާގެ އަށް ތަަނަކަށް ވަރުގަދަ ބޮމުގެ ހަމަލާތައް ދިންއިރު، އެ ހާދިސާގައި 359 މީހުން ވަނީ މަރުވެފައެވެ. އަދި 500 އަށްވުރެ ގިނަ މީހުން އެ ހާދިސާގައި ޒަހަމްވިއިރު، މިއަދުވެސް އެ ގައުމުގެ އެކި ސަރަހައްދުތަކުން ގޮވާތަކެއްޗާއި ބޮން ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ހަމަލާއަށް ފަހު އަދި މިހާތަނަށް ބޮމުގެ ހަމަލާއެއް ދީފައެއް ނުވެއެވެ.

އަދި މި ހާދިސާގައި މިހާތަނަށް 60 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ