ކޮވިޑް-19: ސައުދީ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައިފި

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސައުދީ އަރަބިއްޔާގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީ (އެސް.ޕީ.އޭ) އިން ހާމަ ކުރި ގޮތުގައި، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ފަރުޟު ފަސްނަމާދާއި ހުކުރު ނަމާދު މިސްކިތްތަކުގައި ކުރުން ހުއްޓާލަން ސައުދީ ސަރުކާރުން ނިންމީ ސައުދީ އަރަބިއްޔާގެ ދީނީ އިލްމްވެރިންގެ އެންމެ މަތީ މަޖިލީހުން އެގޮތައް ފާސް ކުރުމާ ގުޅިގެންނެވެ.

މައްކާގައި ހުންނަ މަސްޖިދުލް ހަރަމް އާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ ފިޔަވައި ސައުދީ އަރަބިއްޔާގެ އެއްވެސް މިސްކިތެއްގައި ދެން ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށް ސައުދީ ސަރުކާރުން ވިދާޅުވެއެވެ.

މިސްކިތްތަކުގެ ދޮރު ހުންނާނީ ބަންދު ކޮށްފައި ކަމަށާއި ނަމަވެސް މިސްކިތްތަކުން ބަންގި ގޮވާނެ ކަމަށް ސައުދީ ސަރުކާރުން ވިދާޅުވެއެވެ. އަދި ބަންގި ގޮވާއިރު ބަންގި އަށް ބަދަލު ގެނަސް ބަންގީގައި ގޮވަމުން ދާނީ ގޭގައި ނަމާދު ޤާއިމް ކުރުމަށް ކަމަށް ސައުދީ ސަރުކާރުން ވިދާޅުވެފައި ވެއެވެ. އަދި ތިބާ ހުރި ތަނެއްގައި ނަމާދު ގާއިމު ކުރުމަށްވެސް ބަންގި ބަދަލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާ އިން މިހާތަނަށް ކޮވިޑް-19 އަށް 171 މީހާކު ޕޮޒިޓިވް ވެފައިވާއިރު 6 މީހަކު ވަނީ ރަނގަޅު ވެފައެވެ. ސައުދީ އަރަބިއްޔާ އިން މިހާތަނަށް އެއްވެސް ފަރާތެއް ކޮވިޑް-19 ގައި ނިޔާވެފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ