ސްޕެއިންގެ އެސްޕަންޔޯލްއިން 6 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކަޓަލަންސްއަށް ނިސްބަތްވާ މިކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑު ޓީމުގެ ކުޅުންތެރިނާއި ސްޓަފުން ހިމެނޭ ގޮތަށް އެކްލަބުގެ 6 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެކްލަބުން ބުނީ މިހުރިހާ ފަރާތެއްގެވެސް ހާލު ރަނގަޅުކަމަށާއި، ސީރިއަސްވާ ފަދަ އަލާމަތެއް ފެނިފައިނުވާކަމަށެވެ.
މާރޗް 13 އިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ހުރިހާ ފަރިތަކުރުންތަކާއި ކްލަބުގެ އެހެން ހަރަކާތްތައްވެސް ހުއްޓާލާފައިވާއިރު، އެސްޕަންޔޯލް މިހާރު އޮތީ ލޮކްޑައުންގައެވެ. އަދި ކްލަބުގެ ކުޅުންތެރިންނާއި ސްޓާފުން މިހާރު ހުރީ އައިސޮލޭޝަންގައިކަމަށްވެސް ބަޔާނުގައި ވެއެވެ.
ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކިހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިވައިރަސް ކޮންޓްރޯލް ކުރުމަށް އެކި ޤައުމު ތަކުގެ ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެކަމުގެ އަސަރު ފުޓްބޯޅައަށްވެސް ކޮށްފައިވާއިރު، ސްޕެނިޝް ލަލީގާވެސް ވަނީ އަންނަ އޭޕްރީލް މަހުގެ 4 އާއި ހަމައަށް މެދު ކަނޑާލާފައެވެ.
ލީގުގެ ރައީސް ހާވިއާ ޓެބާސް ސީޒަން ފުރިހަމަ ކުރުމުގެ ވިސްނުން ގެންގުޅުނުނަމަވެސް އެކަމާއި ގުޅޭ ރަސްމީބަހެއް އަދި ނުލިބެއެވެ.
މިވައިރަހުގެ އަސަރު ދުނިޔޭގެ ފުޓްބޯޅައަށްވެސް ކުރަމުންދާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ވެސްވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންނަމަވެސް ޔޫރަޕިއަން މުބާރާތްތައް މިހޫނު މޫސުމަށް ނިންމާ ލެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.



