ސްރީލަންކާގައި މައި އިންޓަނޭޝަނަލް އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން ޝައްކު ކުރެވޭ ވެހިކަލެއް ފެނިގެން އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެއާޕޯޓްގެ ބޭރުގައި ޕާކް ކޮށްފައި އޮތް ޝައްކު ކުރެވޭ ކާރެއް ފެނިގެން، ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެއާއެކު ފުރަތަމަ ބަންދު ކޮށްފައިވަނީ އެއާޕޯޓް ކުރިމަތިން އޮންނަ މަގު އެކަނި ނަމަވެސް، މިހާރު އެއާޕޯޓް ވެސް ބަންދު ކޮށްފައިވާ ކަމަށް އެއާޕޯޓްގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.
"އެއާޕޯޓްގެ އޮޕަރޭޝަން ވަނީ ވަގުތީގޮތުން ސަސްޕެންޑް ކޮށްފައި." އެއާޕޯޓްގެ ތަރުޖަމާން ވިދާޅުވިއެވެ.
ބަންދުކޮށްފައިވާ އެއާޕޯޓް އަލުން ހުޅުވައިފިއެވެ. ނަމަވެސް ފްލައިޓްތައް ޑިލޭ ވާނެކަމަށް ލަންކާ އެއާ ޕޯޓުން ބުނެފައިވެއެވެ.
އެއާޕޯޓުގެ ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލީ އެއާޕޯޓާ އިންވެގެން އޮންނަ މަގަކުން ފެނުނު ޝައްކުކުރެވޭ ވެހިކަލެއް ފާސްކޮށް، އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ކަމަށް "ލަންކާގެ ނިއުސް ފަސްޓް"ގައި ބުނެފައިވެއެވެ. އަދި ޚާއްސަ އޮޕަރޭޝަނަށް ފަހު މަގު މިހާރު ވަނީ ހުޅުވާލާފައިއެވެ.
އެއާޕޯޓްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމުން ދަތިތަކާ ދިމާވި ނަމަވެސް އެއާޕޯޓަށް އަންނަ ފްލައިޓްތައް ޖައްސާނެ ކަމަށާއި އެކަމަކު ފުރަން ހަމަޖެހިފައިވާ ފްލައިޓްތައް ވަރަށް ބޮޑަށް ޑިލޭވެގެން ހިނގައިދާނެ ކަމަށް އެއާޕޯޓުން ވަނީ ބުނެފަ އެވެ.