ޔުނިވާސަލްގެ ދިގަލި މޯލްޑިވްސް - ފޮޓޯ: ހޮޓެލް ޑިސައިންގްސް

ޔުނިވާސަލްގެ ރިސޯޓުތައް ބަންދުކޮށް، މުސާރައާއެކު މުވައްޒަފުންނަށް ޗުއްޓީ ދެނީ

ޔުނިވާސަލްގެ ހުރިހާ ރިސޯޓެއް ވަގުތީގޮތުން ބަންދުކޮށް، މުސާރަ ލިބޭގޮތަށް މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

ޔުނިވާސަލް އެންޓަރޕްރައިސެސްއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ދުނިޔޭގެ ދަތުރު ފަތުރުތަށް ހުއްޓިފައިވުމާއި، ކުރިއަށް އޮތްމަސްތަކަށް އެއްވެސް ބުކިންގ ތަކެއް ނެތުމާއި އެކު، އޭޕްރިލް މަހުން ފެށިގެން ކުރިޔަށް އޮތް ތިންމަސްދުވަހަށް، މިކުންފުނީގެ ހުރިހާ ރިސޯޓް ތަކުގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށެވެ.

އަދި މުވައްޒަފުންނަށް ޚާއްސަ ޕް ޕެކޭޖަކާއި އެކު، މުސާރަ ލިބޭގޮތަށް ތިންމަސްދުވަހުގެ ޗުއްޓީއެއް ދިނުމަށްވެސް ނިންމާފައިވާކަމަށްވެސް ޔުނިވާސަލްއިން ވިދާޅުވިއެވެ.

މީގެއިތުރުން މިނިއްމުން ކޮންމެމަހަކު އެއް ފަހަރު މުތާލިއާކޮށް، ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް، ކުރީގެ ހާލަތަށް ރުޖޫއަވުމަކީ، ކުންފުނީގެ އުންމީދުކަމަށާއި، ކުރިޔަށް އޮތް ރޯދަމަހުގެ އިނާޔަތާއި މިހިނގާ މާރޗް މަހުގެ މުސާރައާއި ސާރވިސް ޗާޖް އެއްވެސް އުނިކުރުމެއްނެތި ހުރިހާ މުވައްޒިފުންނަށް ޤާނޫނުގައި ވާގޮތުގެ މަތިން ދެވޭނެކަމަށްވެސް ވިދާޅުވިއެވެ.

"މިކުންފުނީގެ ވިޔަފާރި މައިގަޑު ގޮތެއްގައިބިޔާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް. ވޭތުވެދިޔަތަނުގައި މިކުންފުނިންވަނީ މިސިނާއަތް ދިވެހިރާއްޖޭގައި ކުރިއެރުވުމަށާއި، މީހުންބިނާކުރުމަށް ވަރަށްބޮޑު ހޭދައެއްކޮށްފަ. އެހެންކަމުން ދުނިޔެއަށް ދިމާވަމުންމިދާ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު އެއްމެ ބޮޑަށް ކުރާ އެއް ދިވެހި ކުންފުންޏަކަށް މިކުންފުނިވަނީ ވެފައި. ކަންމިހެން އޮތްނަމަވެސް މިކުންފުނިން މަސައްކަތްކުރަމުން މިގެންދަނީ، ކުންފުނީގެ އެއްވެސް މުވައްޒަފަކު ވަކި ކޮށް އަދި ހިންގުންވެސް މުޅިން ހުއްޓާޔާލާ ކުރިޔަށް ގެންދެވޭނެ ގޮތްތަކެއްހޯދުމަށް." ޔުނިވާސަލްގެ ބަޔާނުގައިވެއެވެ.

އަދި އެކުންފުނީގެ އެންމެބޮޑު ރައުލްސުލްމާލަކީ ކުންފުނީގައި މަސައްކަތް ކުރަމުންގެންދާ 3200 އަށްވުރެގިނަ މުވައްޒަފުންކަމަށް އަބަދުވެސް ޤަބޫލްކުރާކަމަށް ޔުނިވާސަލް އެންޓަރޕްރައިސެސްއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ