ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ރިސޯޓުތައް އޮކްޓޫބަރ މަހުގައި ހުޅުވުމަށް ނިންމައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމުން މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓެއް ވަނީ ބަންދުކޮށްފައެވެ.
ޔުނިވާސަލްގެ ރިސޯޓްތައް އަލުން ހުޅުވުން އޮކްޓޯބަރު 1 އަށް ފަސްކޮށްފައިވަނީ، ރާއްޖެ އަށް ފްލައިޓްތައް ނައުމުގެ އިތުރަށް، މުވައްޒަފުންނާއި ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަދި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ޔުނިވާސަލްއިން ވަނީ، މިދިޔަ ތިން މަހު އެކުންފުނީގެ 8 ރިސޯޓުގެ މުވައްޒަފުންނަށްވެސް ޙާއްސަ އިނާޔަތަކާއިއެކު ޗުއްޓީއެއް ދިފާއެވެ.
ޔުނިވަރސަލްއިން ރާއްޖޭގައި ހިންގާ 8 ރިސޯޓަކީ ކުރުނބާ މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ކަނދޮޅު މޯލްޑިވްސް، ދިގަލި މޯލްޑިވްސް، ފާރުފުށި މޯލްޑިވްސް، ކުރަމަތި މޯލްޑިވްސް އަދި މިލައިދޫ މޯލްޑިވްސް އެވެ.
ރާއްޖޭގެ ބޯޑަރ ޖުލައި މަހު ތެރޭގައި ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ބައެއް ރިސޯޓުތަކުން މިހާރު އަންނަނީ ޖުލައި މަހު ތެރޭގައި އަލުން ރިސޯޓު ހުޅުވާލުމަށް ތައްޔާރުވަމުން ނެވެ. ފަތުރުވެރިކަން އަލުން ހުޅުވުމާ ގުޅޭ ގައިޑްލައިން ޓޫރިޒަމް މިނިސްޓްރީން ވަނީ އިކޮނޮމިކް ޓާކްސް ފޯސް އަށް ހުށަހަޅާފަ އެވެ. އެ ޓާސްކް ފޯސް އިން އިއްޔެ ނިންމާފައި ވަނީ، އެ ގައިޑްލައިނާ މެދު ދެން އޮންނަ ބައްދަލުވުމެއްގައި ގޮތެއް ނިންމުމަށެވެ.



