ޔުނިވަރސަލް އެންޓަޕްރައިސަސްގެ ފަރާތުން 20200 ޓެސްޓު ކިޓް ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.
މިއީ ކޮވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔުނިވަރސަލް އެންޓަޕްރައިސަސްގެ ފަރާތުން ހަދިޔާކުރި ޓެސްޓް ކިޓް ތަކެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
ޓުރެވެލް އެންޑު ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ޔުނިވަރސަލް އެންޓަޕްރައިސަސްގެ ފަރާތުން މި ލިބުނު އެހީތެރިކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ އެކުންފުންނީގެ އިސްވެރިންނަށާއި އެކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ދިވެހިރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމްޢިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން ވެލާ ރިސޯޓުގެ ފަރާތުންވެސް ރާއްޖެއަށް ވަނީ ދީލަތި އެހީތެރިކަމެއް ކޮވޮޑް-19 އާއި ގުޅިގެން ވެދީފައެވެ.
ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.




