ތޯލިބާނުންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސިއްހީ އެހީތެރިން ފޮނުވުމަށް އެޖަމާއަތުން ގޮވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާން ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސިއްހީ އެހީތެރިންނާއި ބޭހުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިއްހީ އެޖެންސީތަކަށް އެޖަމާއަތުން ގޮވާލައިފިއެވެ.

އިއްޔެ އެޖަމާއަތުން ނެރުނު ބަޔާނެއްގައި މިކަމަށް ގޮވާލައިފައިވާއިރު އެޖަމާއަތުންވަނީ މިފަދަ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ ފަރާތްތަކަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަންވެސް ކަށަވަރު ކޮށްދީފައެވެ.

ތޯލިބާނުން އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއް ކޮންޓުރޯލް ކުރަމުންދާއިރު އެ ޖަމާއަތުން މިދިޔައަހަރުވަނީ އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އާއި އަދި ރެޑްކުރޮސް ޖަމުއިއްޔާ ހަރަކާތްތެރިވުން މަނާކޮށްފައެވެ.

ތޯލިބާނުން އޭރު އެ ދެޖަމާއަތުގައި ހަރަކާތްތައް މަނާކޮށްފައިވަނީ ޝައްކު ކުރެވޭ އަމަލުތަކެއް ހިންގާކަމަށް ބުނެއެވެ. ނަމަވެސް، މި މަނާކުރި މަނާކުރުން ފަހުންވަނީ ދޫކޮށްލައި އެ ދެޖަމާއަތަށްވެސް މަސައްކަތް ކުރެވޭނެ ގޮތަށް ހުއްދަ ދީފައެވެ.

އަފްގާނިސްތާނުގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 22 މީހުންނެވެ. މި އަދަދު އިތުރުވެދާނެ ކަމުގެ ބިރަށްޓަކައި އަފްގާނިސްތާނުގެ ސަރުކާރުންވެސްވަނީ ސިއްހީ އެހީތެރިން ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާދިނުން ހުއްޓާލުމަށް ތޯލިބާނުންނަށް ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ