މުޅި ސްރީލަންކާގައި ކާފިއު ހިންގަނީ، ދިވެހިން ސަމާލުވުމަށް އެދެފި

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 އާއި ގުޅިގެން، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ޤައުމުގައި ކަރފިއު ހިންގަން ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިއަދު ހަވީރު ސްރީލަންކާ ގަޑިން 18:00 އިން ފެށިގެން 23 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ހެނދުނު ސްރީލަންކާ ގަޑިން 06:00 އަށް އެ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ކަރފިއު ހިންގަން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ، މި ދުވަސްތަކުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދިލައްވާފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ފޮރިންގ މިނިސްޓްރީން ވަނީ އެދިފައެވެ.

ފޮރިން މިނިސްޓްރީން ވަނީ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

އެހެން ކަމުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ސްރީލަންކާއިން މިހާތަނަށް 65 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ