ވެރިރަށް މާލެ

ޓޭކް އަވޭއާއި ޑެލިވަރީ ނޫން އެހެނިހެން ޚިދުމަތްތައް ހުއްޓާލަން އަންގައިފި

މާލެ ސަރަޙައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގެ ޓޭކް އަވޭއާއި ޑެލިވަރީ ނޫން އެހެނިހެން ޚިދުމަތްތައް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ އެންގުމެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުގެ ގޮތުން، މާލެ، ހުޅުމާލެ، ވިލިމާލޭގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި
ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ވަގުތީގޮތުން ހުއްޓާލަން އަންގާކަމަށެވެ.

މިފަދަ ތަންތަން ބަންދުކުރަން އެޗްޕީއޭއިން އަންގާފައިވަނީ 2020 މާރިޗު 21 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެންނެވެ.

އަދި އެޗްޕީއޭގެ ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި، އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާކަމަށްވެސް އެޗްޕީއޭގެ މިއިޢުލާނުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ