ކޮވިޑް-19: ރޯމާ ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަ ހަދިޔާކުރަނީ

ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ރޯމާ ކުޅުންތެރިންނާއި ސްޓާފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކުރަން އެކްލަބުން ނިންމައިފިއެވެ.

ރޯމާގެ ފަރާތުން މިހާރުވެސް އިޓަލީގެ ހޮސްޕިޓަލްތަކަށް އެހީވަމުންދާއިރު، މިދިޔަ ހަފްތާގައިވެސް ރޯމާއިންވަނީ ލަޒާރޯ ސްޕަލަންޒާނީ ހޮސްޕިޓަލަށް އެހީވުމަށް 460،000 ޔޫރޯގެ ފަންޑެއް ހޯދަދީފައެވެ. ރޯމާއިން އިތުރު ފަންޑު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރުވެސްވަނީ 3 އިންޓެންސިވް ކެއާ ވެންޓިލޭޓަރާއި އަދި 5 ޕަލްމޮނަރީ ވެންޓިލޭޓަރުގެ އިތުރުން 8 އިންޓެންސިވް ކެއާރ ބެޑަށް އޯޑަރު ޖަހާފައެވެ.

މީގެ އިތުރުން މިހަފްތާގެ ކުރީކޮޅު ރޯމާއިން ވަނީ 13000 މާސްކާއި 120 ފުޅި ހޭންޑް ސެނިޓައިޒަރވެސް ހޮސްޕިޓަލަށް ހަދިޔާކޮށްފައެވެ.

"ކްލަބުގެ ކުޅުންތެރިންނާއި ސްޓާފުން މިވަގުތު ބޭނުންވަނީ، ވެވެން އޮތް އެހީއެއް މިސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދިނުން." ރޯމާގެ ސީއީއޯ ފިއެންގާ ބުންޏެވެ.

ކޮވިޑް-19 އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުންދަނީ އިޓަލީގައެވެ. އަދި މިވައިރަހުގެ ސަބަބުން އެންމެ ގިނަ މީހުން މިހާތަނަށް މަރުވެފައިވަނީވެސް އިޓަލީގައެވެ. އިޓަލީއިން 47000 އަށްވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، މިވައިރަހުގައި މަރުވި މީހުންގެ އަދަދުވަނީ 4030 އަށްވުރެ މައްޗަށް އަރާފައެވެ.

މިވައިރަސް ފުރަތަމަ ފެނުނު ޗައިނާއިން 80000 އަށްވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވްވެފައިވީނަމަވެސް، އެޤައުމުގެ ސަރުކާރުން އެޅި ހަރުދާނާ ފިޔަވަޅު ތަކުގެ ސަބަބުން ވައިރަހުގައި މަރުވި މީހުންގެ އަދަދުވަނީ ބޮޑުތަނުން މަދުކޮށްފައެވެ. މިހާގިނަ މީހުންނަށް މިވައިރަހުގެ އަސަރުކުރިނަމަވެސް، މިވައިރަހުގައި ޗައިނާއިން މިހާތަނަށް މަރުވެފައިވަނީ 3300 އަށްވުރެ މަދު ބަޔެކެވެ.

މިވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އިޓަލީގެ ސަރުކާރުން އެގައުމު ލޮކްޑައުންކޮށްފައިވާއިރު، މިއަމުރު ތަންފީޛުކުރުމަށް މިލިޓަރީގެ އެހީއަށް އެޤައުމުގެ ސަރުކާރުންވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ