ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ އިޢުލާނެއްގައި ވިދާލުވެފައިވަނީ 2020 މާރިޗް 19 އިން 2020 މާރިޗް 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން، އެ މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާކަމަށެވެ.
ނަމަވެސް މި ދަނޑިވަޅުގައި ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) ގެ މުއްދަތު ހަމަވެއްޖެނަމަ، އެކަމުގައި ދަތިތައް ކުރިމަތިވާނެތީ، އޮންލައިންކޮށް އެޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓްގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ޚިދުމަތް 2020 މާރިޗް 22 ވަނަ ދުވަހުން ފެށިގެން 2020 މާރިޗް 26 ވަނަ ދުވަހުގެ ނިއަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޯޓާ އެކްސްޓެންޝަން' އަދި 'އެމްޕްލޯއިމަންޓް އެޕްރޫވަލް އެކްސްޓެންޝަން' އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 ދިވެހިރާއްޖެ އިން ފެނުމާއި ގުޅިގެން މުޅި ދިވެހިރާއްޖެއަށް ވަނީ 30 ދުވަހުގެ އާންމު ޞީއްޙީ ކުއްލި ނުރައްކާ އިޢުލާން ކުރައްވާފައެވެ. އަދި 19 މާރިޗު 2020 އިން 26 މާރިޗު 2020 ގެ ނިޔަލަށް ވަނީ ސަރުކާރު ބަންދު ކޮށްފައެވެ.




